މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ރާއްޖޭގައި ދެމުން އަންނަ އެންމެ ޝަރަފްވެރި އެވޯޑް "މަޓާޓޯ ޓްރެވަލް އެވޯޑްސް"އަށް އިތުރު ކެޓަގަރީތަކެއް އިތުރުކޮށް، އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އިވެންޓް މެނޭޖަރު އަދި މަޓާޓޯ ޓްރެވަލް އެވޯޑްސްގެ އިވެންޓް މެނާޖަރު, ހައިރައިޒްގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސެއިން (ހަބީ) ވިދާޅުވީ، މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަަމަށެވެ. އަދި މާދަމާ އިން ފެށިގެން ފޯމްތައް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރުސަތު ހުޅުވާލާފައިވަނީ އެއް މަހަށް. މި މަހުގެ ހަތް ވަނަ ދުވަހުން އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހަށް. މާދަމާ އިން ފެށިގެން ޓްރެވަލްއެވޯޑްސްގެ ސައިޓުންނާއި މަޓާޓޯގެ ސައިޓުން ފޯމާއި ކިޓް ލިބެންހުންނާނެ،" ހަބީ ވިދާޅުވި އެވެ.

މިއަހަރު ބާއްވާ "މަޓާޓޯ ޓްރެވަލް އެވޯޑްސް"ގެ ދެބައެއް ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވޯޑުގެ ހާއްސަ ބައެއް ދުބާއީގައި ބޭއްވުމަށް ހަމަަޖެހިފައިވާއިރު، އެވޯޑުގެ ގްރޭންޑް ފިނާލޭ އަންނަ އަހަރުގެ ފަހުކޮޅު ބާއްވަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ކޮކޯ ބޮޑު ހިތީގަ އެވެ.

މިއަހަރުގެ އެވޯޑަށް މަޓާޓޯއިން ވަނީ އިތުރު އާ ކެޓަގަރީތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ގެސްޓް ހައުސްގެ ދާއިރާ އިންނާއި އަގުހެޔޮ އެއާލައިންތަކަށް ހާއްސަ އެވޯޑަކާއި ޑޮމެސްޓިކް އެއާޕޯޓާއި އެތެރޭގެ ދަތުރުފަތުރު ދާއިރާއިންނާއި ބައިނަލްއަގްވާމީ ހޮޓެލް އަދި ރިސޯޓް ބްރޭންޑްގެ އިތުރުން ޕްރައިވެޓް އައިލެންޑް ހިމެނެ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ކުރަމުން އަންނަ ހިދުމަތުގެ އަގު ވަޒަންކޮށް 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "މަޓާޓޯ ޓްރެވަލް އެވޯޑްސް" އަށް ދާއިރާއަކުން 30 އަށްވުރެއް ގިނަ ކެޓަގަރީތަކުން އެވޯޑްތައް ދެ އެވެ.

މިދިޔަ އަހަރު ބޭއްވި މަޓާޓޯ ޓްރެވަލް އެވޯޑްސްގައި ލީޑިން ލަގްޒަރީ ރިސޯޓް ނުވަތަ އެންމެ މަތީ ފަންތީގެ ރިސޯޓަކަށް ހޮވިފައިވަނީ ހުވަފެންފުށްޓެވެ. އަދި މޯސްޓް ރޮމޭންޓިކް ރިސޯޓަކަށް ހޮވުނީ ތާޖު އެގްޒޯޓިކާ ރިސޯޓެވެ.