ޖަލުގައި ހައްޔަރުކޮށްފައި ހުރި ފިރިމީހާއާ އެކަހެރި ބައްދަލުވުމަކަށް ދިޔަ އަންހެނަކު މަސްތުގެ ހާލަތުގައި ހުރުމުން ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް ގެ އޮފިޝަލަކު 'ސަން' ވިދާޅުވީ، އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އޭނާގެ ފިރިމީހާއާ އެކަހެރި ބައްދަލުވުމަކަށް ދިޔައިރު މަސްތުގެ ހާލަތުގައި ހުރި ކަމަށް ޝައްކުކުރެވިގެން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ، އެފަދަ މައްސަލައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށެވެ.