07 Jan 2015, 19:02
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްސަލަ އަދި ޝަރީއަތަށް ނުފޮނުވާ ކަމަށް ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައި ކަމަށެވެ. އެހެންނަމަވެސް އެ އޮފީހުގެ އޮފިޝަލް މިރޭ ވިދާޅުވީ އެ މައްސަލަ އަދި ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.
"އަދި އަލްހާނަށް ހަމަލާދިން މައްސަލަ ކޯޓަށް ހުށަހެޅިފައެއް ނުވޭ،" ޕީޖީ އޮފީހުގެ އޮފިޝަލް މިރޭ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބްރޭކްވޯޓާ ރެސްޓޯރަންޓުގައި އިންނަވަނިކޮށް އަލްހާނަށް ތޫނޫއެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ޏ. ފުވައްމުލަކު ދަނޑިމަގު ޝައިނީ މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާމަންޒިލް މުހައްމަދު ނަސީމްގެ މައްޗަށެވެ. އެ ދެ މީހުންގެ ތެރެއިން ސަމީހު ވަނީ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް ނަސީމް މިހާރު ހުރީ އޭނާގެ މައްޗަށް ސާބިތުވެފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ޖަލުގައެވެ.
ތޫނުއެއްޗަކުން ދިން ހަމަލާއަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އަލްހާން މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދިވެސް އޭނާގެ ހާލު ކުރީގެ ހާލަތަށް ރުޖޫއައެއް ނުވެއެވެ.