އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭއަށް ތެޔޮ ލީކްވުމަށް ދިމާވާ މައްސަލަ މިހާރު ހައްލު ކުރެވިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް ވަނީ އައިއެންއައިއޭ ރަންވޭއަށް ތެޔޮ ލީކްވުމުގެ ސަބަބުން އެތައް ފަހަރަކު އެއާޕޯޓް ރަންވޭ ބަންދުކުރަންޖެހިފަ އެވެ. އެކަމުގެ ސަބަބުން އެތައް ފުލައިޓެއް ޑިލޭވެފައިވެ އެވެ.

އާ އެއާލައިންއެއް ރާއްޖެ އަންނަކަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ އެއާޕޯޓު މަރާމާތުގެ މަސައްކަތް ނުކުރެވެމުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށާއި ސުނާމީގެ ސަބަބުން އެއާޕޯޓަށް ދިމާވެފައިވާ އަޑިގުޑަން ތަކުގެ މައްސަލަ ފެށިފައި ވަނީ "އަދި ކިރިޔާ" ކަމަށެވެ. އެފަދަ މައްސަލަތަކުގެ ސަބަބުން ބޯޓުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވާ ކަމަށާއި ނަމަވެސް ތެޔޮ ލީކުވުން މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.

"އެއީ ވަކި ވައްތަރެއްގެ މަތިންދާ ބޯޓަށް ދިމާވި މައްސަލައެކޭ، އެހެން ނަމަވެސް އެކަން މިހާރު އަޅުގަނޑުމެން އެ އޮތީ މަރާމާތުކޮށް ނިންމާފައި ހައްލަކަށް އަޅުވާފައި،" ބަންދު ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާއިރު ވަރަށް އަވަހަށް އެއާބަސް އިން އެކަން ބަލައި އައިއެންއައިއޭއަށް ސެޓްފިކެޓު ލިބޭނެ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައިގައި ތެޔޮ ފާބައިގެން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އޭ ގުރޭޑުގެ ރަންވޭއެއް އެޅުން ކަމަށާއި އޭރުން ސަލާމަތީ ރަންވޭއަކަށްވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ މިއަހަރަކީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އޮތް އަހަރު ކަމަށާއި މިހާރު ރަންވޭ ހެދުމުގެ އެގްރިމެންޓުގެ މަސައްކަތް ނިމި ޓާމިނަލްގެ ޑިޒައިންވެސް ނިމި އެއާޕޯޓް ތަރައްގީގެ މާސްޓާ ޕުލޭން ހާމަކުރާ ހިސާބަށް މަސައްކަތްތައް ގޮސްފައިވާ ކަމަށެވެ.