07 Jan 2015, 18:02
ވިލިމާލޭގައި ޑިއުޓީ އަދާ ކުރަމުން ދިޔަ ފުލުހަކަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.
ވިލިމާލޭގައި މިއަދު 3:45 ހާއިރު ވަޅިން ހަމަލާދިނުމަށް ޒަހަމްވި ފުލުސް މީހާއަށް ވިލިމާލޭ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އައިޖީއެމްއެޗަށް ވަނީ ގެނެސްފަ އެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ އިތުރަށް ތަޙުލީލުތައް ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުސް މީހާގެ ގަޔަށް ވަޅި ހެރި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ދިވެއްސެކެވެ. އަދި ފުލުސް މީހާއަށް ހަމަލާދިން ވަޅި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ފުލުހުސް މީހާ އަށް ވަޅިން ހަމަލާދީފައި ވަނީ ވިލިމާލެ މަލްޓި ޕޮއިންޓް ފިހާރައިން ވައްކަން ކުރި މައްސަލައަކާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު އޭނާގެ އަތުގައި އޮތް ވަޅިއަކުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.