07 Jan 2015, 18:00
ޖަރުމަނުގެ ބޮޑު އެއާލައިންއެއް ކަމަށްވާ ލުފްތަންސާ އިން ރާއްޖެއަށް ދަތުރުތައް ފަށާކަން 11 މަސް ކުރިން އިއުލާން ކޮށްފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ވީއައިޕީ ލޯންޗްގައި މިއަދު ބޭއްވި ހަފްލާއެއްގައި އެކަން އިއުލާން ކޮށްދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މިއަދު އިއުލާން ކުރެވިގެން ދަނީ ޔޫރަޕުގެ ބޮޑު އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފެށުން ކަމަށާއި މިއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ލުފްތަންސާ އެއާލައިންނަކީ ޔޫރަޕުގެ ވަރަށް ކުރިއަރާފައިވާ އެއާލައިނެއް، ތާރީހުގެ ތެރޭގައި އެއެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ވަނީ ކޮށްފައި، ނަމަވެސް ޝެޑިއުލް ދަތުރުތަކެއް ރާއްޖެއަށް ފަށާމިއީ ފުރަތަމަ ފަހަރު،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ލުފްތަންސާގެ ފުލައިޓުތައް ކޮންމެ ހަފްތާއަކު ރާއްޖެއަށް ދަތުރުތައް ކުރަން ފެށުމާއެކު ގިނަ އަދަދެއްގެ ޔޫރަޕުގެ ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށެވެ. މީގެ ކުރިން ހެދިފައިވާ ސާވޭތަކުން ދައްކާ ގޮތުން ޔޫރަޕުގެ ޓޫރިސްޓުން ރާއްޖެ އަންނަން ބޭނުން ވަނީ ޑައިރެކްޓު ފުލައިޓަކުން ރާއްޖެއަށް އައުމަށާއި އެ އެއާލައިންގެ ދަތުރުތަކާއެކު އެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. ޔޫރަޕުގެ ޓޫރިސްޓުން އައުމަކީ އަދިވެސް އެންމެ ގިނައިން ރާއްޖެއަށް އާންމު ދަނީ ލިބޭ ސަރަހައްދު ކަމަށާއި އެމާކެޓަކީ ރާއްޖެއަށް ދުވަހަކު ވެސް ދޫކޮށްލެވޭނެ ސިޔާސަތުތަކެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ އެމްއޭސީއެލްއިން އެއާޕޯޓް ހިންގަމުންދާއިރު ތެލުގެ އަގު ހެޔޮވުމާއެކު އެއާލައިންތަކަށް ހެޔޮ އަގުގައި ތެޔޮލިބޭނެ ގޮތްތައްފަދަ އިންސެވްޓިވްތައް ދެމުންގެންދާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ އާއެއާލައިނެއް ރާއްޖެ އަށް ދަތުރު ފަށާކަން މިއީ ޓޫރިޒަމް އިންޑަސްޓުރީއަށް ލިބޭ އުފާވެރި ހަބަރެއް ކަމަށާއި އެ އެއާލައިން ރާއްޖެ އަންނަކަން އިއުލާން ކުރުމަށް މިއީ އަވަސް ވަގުތެއް ނޫން ކަމަށާއި ޑިސެމްބަރު މަހުގެ ތެރޭގައި ޖަރުމަނުގައި އެކަން އިއުލާން ކޮށްފައިވާ ކަމަށެވެ.
ޔޫރަޕުގެ ބޮޑު އެއާލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށާއިރު ދުނިޔޭގެ މަޝްހޫރު އެތައް އެއާލައިނަކުން މިހާރު ވެސް ދަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ޗާޓަރު އެއާލައިންތަކާއި ޝެޑިއުލް އެއާލައިންތައް ވެސް ހިމެނެ އެވެ.