07 Jan 2015, 17:46
ސޫރިޔާގެ ހަނގުރާމަށް ދިޔަ މީހުންގެ ތެރޭގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ހުރި ކަމަށް ތުހުމަތު ކުރާ ހ. ހިލްޓަން އަޒްލީފް ރައޫފު ހިމެނޭ ކަމަށް "ސަން"އަށް ކަށަވަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސޫރިއާއަށް ދިޔަ މީހުންނަކީ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަތް މީހުންނެވެ. އޭގެ ތެރޭގައި އަޒްލީފުގެ އިތުރުން ޖިނާއީ ކުށްތަކުގެ ތުހުމަތު ކުރެވޭ ތިން މީހަކު ވެސް ހިމެނެ އެވެ. އަފްރާޝީމް މަރުގެ މައްސަލާގައި އަޒްލީފުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ސިރިއާއަށް ދިޔަ ހަތް މީހުންގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލުވާން "ގެއްލުވާލި" މައްސަލާގައި ހައްޔަރުކޮށް، ދޫކޮށްލި މީހަކާއި ބަޔަކަށް ބިރުދައްކައި ފުރާނައަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމަށް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުން ވީއްލާފައި ހުރި މީހަކު ވެސް ހިމެނެ އެވެ. އަދި ނުރައްކާތެރި ކުށްވެރިން ކަމަށް ފުލުހުން އާންމު ކުރި ލިސްޓުގައި ހިމެނޭ މީހަކު ވެސް އެ މީހުންނާއެކު ބައިވެރިވެފައިވެ އެވެ.
ތުރުކީ ބޯޑަރު ހުރަސްކޮށް އެ މީހުން ސޫރިޔާ އަށް އެތެރެވިޔަސް ހަނގުރާމަ ކުރާ އެއްވެސް ޖަމާއަތަކާ އެ މީހުން ގުޅުނު ކަމެއް އަދި ނޭނގެ އެވެ. ސޫރިޔާ ހަނގުރާމައިގައި ބައިވެރިވާން ކުރިން ދިޔަ ބައެއް ދިވެހިން ގުޅިފައި ވަނީ ޖަބުހަތުއް ނުސްރާ (އަލްގައިދާ އިން ދަ ލޭވެންޓް) ގްރޫޕާ އެވެ. އެ ގްރޫޕާއި ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ބައެއް މީހުން މަރުވިކަން އެ ގްރޫޕުގައި އުޅޭ ދިވެހިން ކުރިން ވަނީ ހާމަކޮށްފަ އެވެ. އެ މީހުން އެކަން ހާމަ ކުރީ އެ މީހުން ސޯޝަލް މީޑިއާ ޓުވިޓާ އާއި ފޭސްބުކްގައި "ބިލާދުއް ޝާމް މީޑިއާ"ގެ ނަމުގައި ހިންގާ އެކައުންޓްތައް މެދުވެރިކޮށްގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ ސޫރިއާ އަށް އަށް ބަޔަކު ދިޔަ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މީހުންގެ ތެރޭގައި ދިޔަ މީހުންގެ އަދަދު އެކި ފަހަރު އެކިގޮތަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ދިޔަ މީހުންގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައުލޫމާތު ލިބޭ ހަތަރު މީހުންނޭ ދިޔައީ ވެސް އަދި ހަ މީހުންނޭ ދިޔައީ ވެސް، އެ މައްސަލަ ބަލަމުން މިގެންދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ސޫރިއާ އަށް ދިޔަ ހަތް ފިރިހެނުންގެ ތެރެއިން އެކަކު ދިޔައީ އޭނާގެ އަންހެނުންނާއި އުމުރުން އަދި އެއް އަހަރު ވެސް ނުވާ ދަރިފުޅު ވެސް ގޮވައިގެންނެވެ.