07 Jan 2015, 16:59
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ފްރާންސްގެ ނޫހެއްގެ އޮފީހަށް ބަޔަކު ބަޑިން ހަމަލާދީ 11 މީހުން މަރާލައިފި އެވެ.
ފްރާންސްގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ އައިޓެލީ އާ ހަވާލާދީ އަލްޖަޒީރާ ބުނީ މުސްލިމުންގެ ލީޑަރުންނަށް އާއްމުކޮށް ފުރައްސާރަކުމުން އަންނަ އެނޫހުގެ އިދާރަށް ވަދެ ބަޑިން ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ. އަދި ބުނީ އެހާދިސާގައި މަރުވި މީހުންގެ ތެރޭގައި ނޫސްވެރިއަކާއި ފުލުހުންގެ ތިން މީހުން ހިމެނޭ ކަމަށެވެ.
އައިޓެލީއަށް އިންޓަވިއުދިން މީހަކު ބުނި ކަމަށް ރޮއިޓާސް ބުނީ ނޫހުގެ އޮފީހަށް ހަމަލާދިނީ ދެމީހުން ކަމަށެވެ. އަދި ހަމަލާއަށް ފަހު އެ ދެމީހުން ފިލައިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ ކާރަށް ހަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައި ---
ބަޑީގެ ހަމަލާ އަމާޒުވި ނޫހުން 2011 ވަނަ އަހަރު ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް ކާޓޫނެއް ކުރަހައި އެނޫހުގެ ބޭރުގަނޑުގައި ޖަހައިފަ އެވެ. އެއަމަލާ ގުޅިގެން އޭރުވެސް އެ ނޫހުގެ މައި އިދާރާ އަށް ބަޔަކު ހަމަލާއެއް ދިނެވެ.