07 Jan 2015, 16:35
ހަނގުރާމަކޮށްގެން ޔަމަނުގެ ވެރިކަމަށް އަރައި ތިބި ޝިޔައީ ހޫތީންނާ ދެކޮޅަށް ބަޔަކު ދިން ކާރުބޮމުގެ ހަމަލާއެއްގައި 38 މީހުން މަރުވެއްޖެ އެވެ.
ޔަމަނު ފުލުހުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ޕޮލިސް އެކަޑަމީ އޮފިސާސް ކްލަބްގެ ކައިރީގައިވާ ހޫތީންގެ މަރުކަޒަކަށް އަމާޒުކޮށް ދިން އެހަމަލާގައި މަރުވިމީހުންގެ އިތުރުން 40 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ގޮވާތަކެތިން ބަރުކޮށްފައިވާ މިނީ ބަހެއް ބޭނުންކޮށްގެން ދިން އެހަމަލާގައި މަރުވި އަދި ޒަހަމްވީ ގިނަމީހުންނަކީ ފުލުހުން އެކަޑަމީއަށް ވަނުމަށް އެދޭ ފޯމް ހުށަހަޅަން ގޮސްތިބި މީހުންނެވެ.
އެހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު ނުއުފުލަ އެވެ. ނަމަވެސް ހޫތީންސަންއާ އަށް ވެރިވެގަތްފަހުން އެމީހުންނާ ދެކޮޅަށް އެންމެ ގިނަ ހަމަލާތައް ދީފައި ވަނީ އަލްގައިދާ އިން ދަ އަރަބިއަން ޕެނިންސިއުލާ ( އޭކިއުއޭޕީ) އިންނެވެ.
ޔަމަނުގެ ވެރިރަށް ސަންއާ އަށް ހޫތީން ވެރިވެގަތީ މިދިޔަ އަހަރުއެވެ. އީރާނުގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ އެޖަމާއަތާ ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހު ވެސް އަލްގައިދާއިން ހަމަލާއެއް ދިނެވެ. ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ދިން އެހަމަލާގައި 24 މީހުން މަރުވި އެވެ.