ދިރާސީ އާއަހަރާ އެކު ތަންފީޒުކުރަން ފަށައި ގައުމީ އާ މަންހަޖަށް ބެލެނިވެރިންނާއި މުޖުތަމައު އަހުލުވެރިކުރުވުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ހާއްސަ ކަލަންޑަރެއް ނެރެފި އެވެ.

އެންއައިއީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކަލަންޑަރު ނެރެދެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެންއައިއީ ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް ޝަރީފެވެ.

ގައުމީ މަންހަޖުގެ މައިގަނޑު ބައިތަކާއި މަންހަޖުގައި ހުރި އަސާސްތަކާއި ދަރިވަރުންނަށް ހާސިލްވާންޖެހޭނެ މައިގަނޑު ގާބިލިއްޔަތުތަކުގެ ހިމަނައިގެން މިއަދު ނެރުނު ކަލަންޑަރުގައި އަންނަ އަހަރުގެ ތައުލީމީ ކަލަންޑަރު ވެސް ވަނީ ހިމަނައުފަ އެވެ.

ސްޓޭޓް މިނިސްޓަރު ޝަރީފު ވިދާޅުވީ، އެ ކަލަންޑަރު ނުވިއްކާނެ ކަމަށާއި ސްކޫލްތަކަށް ވަކިވަރަކަށް ބަހާނީ ކަމަށެވެ. ނަމަވެސް އެ ކަލަންޑަރަށް ޑިމާންޑް އޮތް ނަަމަ ޕަބްލިޝާއަކާ ވާހަކަ ދައްކައިގެން ވިއްކާ ގޮތަށް ހަމަޖެއްސިދާނެ ކަމަށެވެ.

އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ތިނަކާ ހަމައަށް ތަންފީޒު ކުރަން ފަށާ ގައުމީ އާ މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތާއި ކިޔަވައިދޭ ތަކެއްޗާއި ކިޔަވައިދޭ ގޮތްތަކަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ.