07 Jan 2015, 16:20
ރާއްޖޭގެ ޖަލުތަކުގައި ތިބި ސްރީލަންކާގެ ގައިދީން ސްރީލަންކާގެ ޖަލުތަކަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި ނިންމުން ޝުކުރުވެރިވާ ކަމަށާއި އެ ކުށްވެރިން ލަންކާ އަށް ބަދަލު ކުރުމަށް ނިންމީ ލަންކާގެ ރައީސްގެ އެދިވަޑައިގަތުމަކަށް ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ ގައިދީން ލަންކާ އަށް ބަދަލު ކުރުމަށް ނިންމީ ލަންކާގެ ރައީސް އާއި ރާއްޖޭގެ ރައީސް ޔާމީނާ ދެ ބޭފުޅުން ދާދިފަހުން ވާހަކަ ދެއްކުމަށް ފަހު އިންސާނިއްޔަތްތެރި ކަމުގެ ގޮތުން ކަމަށެވެ.
ރާއްޖޭގެ ޖަލުތަކުގައި ލަންކާގެ 15 ގައިދީއަކު އެބަތިއްބެވެ. ލަންކާ ސަރުކާރުން ބުނީ އެ މީހުން ލަންކާ އަށް، އަދި އެެ މީހުންގެ އާއިލާތަކާ ގާތަށް ބަދަލުކޮށްދިނުމަށް ރައީސް ރާޖަޕަކްސާ އަށް އެ މީހުން އިލްތިމާސްކުރި ކަމަށެެވެ.
ލަންކާ ސަރުކާރުން ބުނީ ރާޖޭގައި ހުންނަ ސްރީލަންކާ އެމްބަސީ އާއި ލަންކާގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން އެ ގައިދީން ވަރަށް އަވަހަށް ލަންކާ އަށް ބަދަލު ކުރާނެ ކަމަށެވެ. އަދި އެ މީހުންގެ ހުކުމުގެ ބާކީ އޮތްބައި ލަންކާގެ ޖަލުތަކުގައި ފުރިހަމަ ކުރާނެ ކަމަށެވެ.
ލަންކާގެ އެދުމުގެ މަތީން ލަންކާ ގައިދީން ލަންކާ އަށް ބަދަލު ކުރުމަށް ރައީސް ޔާމީން ނިންމެވި އަވަސް ނިންމެވުން ބަލައިގަންނަ ކަމަށް ލަންކާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ކުށްވެރިން ބަދަލު ކުރުމުގެ ގާނޫނެއް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.