07 Jan 2015, 16:09
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އެހެންނަނަމަވެސް އެ ދެ މީހުންގެ މައްޗަށް ކޮށްފައި ވަނީ ކޮން ދައުވާއެއް ކަމެއް އަދި ވަނީ ސާފުވާގޮތްނުވެފަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބްރޭކްވޯޓާ ރެސްޓޯރަންޓުގައި އިންނަވަނިކޮށް އަލްހާނަށް ތޫނޫއެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ދަނޑިމަގު ޝައިނީ މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާމަންޒިލް މުހައްމަދު ނަސީމްގެ މައްޗަށެވެ. އެ ދެ މީހުންގެ ތެރެއިން ސަމީހު ވަނީ ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް ނަސީމް މިހާރު ހުރީ އޭނާގެ މައްޗަށް ސާބިތުވެފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ޖަލުގައެވެ.
ތޫނުއެއްޗަކުން ދިން ހަމަލާއަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އަލްހާން މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދިވެސް އޭނާގެ ހާލު ކުރީގެ ހާލަތަށް ރުޖޫއައެއް ނުވެއެވެ.