07 Jan 2015, 15:48
އަންކަރާ (ޖަނަވަރީ 7) : އިސްލާމް ދީނަކީ ބިރެއްކަމުގައި ދެއްކުމަށް މަސައްކަތްކުރާ ޔުރަޕްގެ ހަރުކަށި ފިކުރުތަކާ ދެކޮޅަށް ތެދުވުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޔޫރަޕްގެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.
ޔޫރަޕްގެ ގައުމުތަކުގައި ތިއްބަވާ ތުރުކީގެ ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިލާތަށް ގޮވާލެއްވީ ތުރުކީއަށް ޑިމޮކްރަސީގެ ދަރުސްތައް ދޭން މަސައްކަތްކުރުމުގެ ބަދަލުގައި ޔޫރަޕްގައި ފެތުރެމުންދާ އިސްލާމް ދީނަކީ ބިރެއް ކަމަށް ދެއްކުމުގެ ހައްދު ފަހަނަޅާފައިވާ ފަލްސަފާ އާ ދެކޮޅަށް ޔޫރަޕް ތެދުވާންޖެހިފައިވާ ކަމުގަ އެވެ. އުރުދުޣާން ވިދާޅުވި ގޮތުގައި ޔޫރަޕްގެ ބައްރަކީ މުސްލިމުންގެ އަދަދު އިތުރުވަމުންދާ ބައްރެކެވެ. އެހެންކަމުން އިސްލާމް ދީނާއި މުސްލިމުންނާ ދުޝްމަންވުމުގެ ހަރުކަށި ފިކުރުތައް ފެތުރެމުން ދިޔުމަކީ ޔޫރަޕަށްއޮތް ނުރައްކަލެކެވެ.
ޔޫރަޕްގައި ފެތުރެމުންދާ އިސްލާމްދީނާ އިދިކޮޅު ފިކުރާ ހަނގުރާމަ ނުކޮށްފި ނަމަ އެފިކުރުގެ މީހުން މުޅި ޔޫރަޕް ރަހީނުކޮށް ކުރާނެކަމަށާއި އޭރުން ޑިމޮކްރަސީއޭ މިކިޔާ ނިޒާމުގެ އަގުތައް ގެއްލި އެނިޒާމު އޮންނާނީ ހަމައެކަނި ނަމެއްގައި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
އުރުދުޣާން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޖަރުމަނުވިލާތުގެ ޑިސަޑެން ސިޓީގައި އިސްލާމް ދީނާ އަދި މުސްލިމުންނާ ދެކޮޅަށް އެތައް ހާސްބަޔަކު އިއްޔެ މުޒާހަރާކޮށްފައިވަނިކޮށެވެ. ޖަރުމަނަށް ހިޖްރަކޮށްގެން އުޅޭ މުސްލިމް މުހާޖިރުންނާ އަދި އިސްލާމް ދީނާވެސް ދެކޮޅަށް އަޑުއުފުލައި ޑިސަޑެން ސިޓީގައި އިއްޔެކުރި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައިވާތީ ޖަރުމަނުގެ ސަރުކާރާއި އެގައުމުގެ އާންމުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިއީ އިސްލާމް ދީނުގެ އިތުރުން ޖަރުމަނަށް ހިޖްރަކޮށްގެން އުޅޭ ތުރުކީ ނަސްލުގެ މުސްލިމުންނަށް ނަފްރަތު ކުރުމާއި ހަސަދަވެރިވުމުގެ ހަރުކަށި ފިކުރު ގެންގުޅޭ ޖަރުމަނުގެ ޖަމާއަތްތަކާއި ޔޫރަޕްގައި އިސްލާމްދީން ފެތުރެމުންދާ ދިޔުމާ ދެކޮޅަށް ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތެއް ކަމަށްވާ ޕެގިޑާ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް އިސްނަގައިގެން ކުރި މުޒާހަރާއެކެވެ. ޑިސަޑެން ސިޓީގެ އިތުރުން ޖަރުމަނުގެ ބައެއް އެހެން ސިޓީތަކުގައިވެސް މުސްލިމުންނާއި އިސްލާމްދީނުގެ އަގީދާއާއި އުސޫލުތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައް އިއްޔެ ކޮށްފައިވެއެވެ. ނަމަވެސް ކޮލޯނިޔާ ސިޓީގައި މުސްލިމުންނާ ދެކޮޅަށް ކުރަންރޭވި މުޒާހަރާވަނީ ކެންސަލްކޮށްފައެވެ.
ޕެޑިގާ ޖަމާއަތަކީ ޔޫރަޕްގައި އިސްލާމް ދީން ފެތުރުން ހުއްޓުވުމަށާއި ޔޫރަޕުން މުސްލިމުން ބޭރުކުރުމަށް ފާޅުގައި ގޮވާލާ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ. ޔޫރަޕް އިސްލާމީ މުޖްތަމައަކަށް ހެދުމައް މުސްލިމުން މަސައްކަތް ކުރާކަމަށްބުނެ މިކަން ހުއްޓުވާނެކަމުގެ އިންޒާރު ޕެގިޑާ ޖަމާއަތުންވަނީ ދީފައެވެ. މިއީ ދީނީ މިނިވަންކަން އޮންނަންވާނެ ކަމަށް ބުނާ ހުޅަނގުގެ ސެކިއުލަރ ޑިމޮކްރަސީގެ ފަލްސަފާއާވެސް މުޅިން އިދިކޮޅު ކަމަކަށްވާތީ ޕެގިޑާ ޖަމާއަތުގެ ފިކުރާ ދެކޮޅަށް ތެދުވުމަށް ގޮވާލައި ޖަރުމަނުގެ އެތަށް ހާސްބަޔަކުވެސް އިއްޔެ މުޒާހަރާކޮށްފައިވެއެވެ.
ޔޫރަޕްގައި ހަރުކަށި ފިކުރުތައް ފެތުރެމުންދާއިރު ޔޫރަޕްގެ މިސްކިތްތަކަށްވެސް ގޮތްނޭންގޭ ބަޔަކު ޙަމަލާތައް ދެމުންގެންދެއެވެ. މިފަދަ ޙަމަލާތައްދެމުން ގެންދާ މިސްކިތްތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ސްވިޑްން ގެ މިސްކިތްތަކަށް ހިމެނޭއިރު މިއަމަލުތައް ހުއްޓުވުމުގައި އެގައުމުތައްވަނީ ނާކާމިޔާބުވެފައެވެ. (ނޫސްއެޖެންސީތައް)