ނެދަލޭންޑުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މައްޝޫރު ފޯވަޑް ވެސްލީ ޝްނައިޑާ ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުން ޔޮލަންތް ކަބާއު އާއެކު އެވެ. އަދި އޭނާ ރާއްޖޭގައި ހުންނަން ހަމަޖެހިފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށުގައި ކަމަށްވެސް 'ސަން' އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ވެސްލީ ޝްނައިޑާއާއި އޭނާގެ އަންހެނުން ޔޮލަންތް ކަބާއު -- ފޮޓޯ: ގެޓީ

މިހާރު ތުރުކީގެ ކްލަބެއް ކަމަށްވާ ގަލަޓަސަރާއީ އަށް ކުޅެމުން އަންނަ ޝްނައިޑާ އަކީ މީގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑުގެ އިތުރުން އިޓަލީގެ އިންޓަމިލާނަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑާއެކު 08-2007 ގެ ލަލީގާ ކާމިޔާބު ކުރުމުގެ އިތުރުން އޭނާ ވަނީ އިންޓަ މިލާނާ އެކު 10-2009 ގެ ޗެންޕިއަންސް ލީގާއި 2010 ގެ ކްލަބް ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައެވެ.

ވޭތުވެދިޔަ 12 އަހަރު ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅެފައިވާ ޝްނައިޑާ ވަނީ އެ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ހޯދުމުގެ އިތުރުން މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ތިންވަނަ ހޯދާފައެވެ. އަދި އޭނާގެ ގައުމީ ޓީމަށް އޭނާ މިހާތަނަށް 111 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ އެ ޓީމަށް 28 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިހާރު އުމުރުން 30 އަހަރު ވެފައިވާ ޝްނައިޑާ އޭނާގެ އަންހެނުން، ފިލްމީ ތަރި ޔޮލަންތް އާއި ކައިވެނި ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. ޔޮލަންތް އެންމެ މައްޝޫރު ވެފައި ވަނީ 2013 ވަނަ އަހަރު އޭނާ ކުޅުނު އެމެރިކާގެ ފިލްމް 'ޕެއިން އެންޑް ގެއިން' އިން ނެވެ.