07 Jan 2015, 15:39
މާދަމާ ރޭ ގަލޮޅު ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯގައި ޕާފޯމް ކުރާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަށް ތައުރީފުކޮށް ވާހަކަ ދައްކައިފި އެވެ.
ރާއްޖޭގައި އޭކަން ޕާފޯމް ކުރަން އުޅޭ ޚަބަރު ދިން ވީޑިއޯ މެސެޖުގައި އޭކަން ބުނެފައި ވަނީ ރާއްޖޭގައި ހިނގާ ހުރިހާ ކަމެއްގެ އިލްޒާމް އަޅުވަނީ މިނިސްޓަރު އަދީބުގެ ބޮލުގައިކަން އޭނާ އަށް އެނގޭ ކަމަށެވެ.
"ރާއްޖޭގައި ހިނގާ ހުރިހާ ކަމެއްގެ އިލްޒާމް އަޅުވަނީ އޭނާގެ (އަދީބު) ބޮލުގައި ކަން އަހަންނަށް އެނގޭ. އޭނާގެ ބޮލުގައި މި ކޮންސެޓު އަޅުވާ. މި ކޮންސެޓު ބާއްވާނީ ވަރަށް ބޮޑުކޮށް. " އޭކަން ދިން ވީޑިއޯ މެސެޖުގައި ބުނެފައިވެ އެވެ.
އިތުރަށް ވީޑިއޯ މެސެޖުގައި އޭކަން ބުނެފައި ވަނީ މާދަމާ ރޭގެ ޝޯ އަށް އޭނާ އަށް ދައުވަތު ދިނީ "ސީދާ" ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.
މާދަމާ ރޭ އޭކަން ރާއްޖޭގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ އިރު އާ އަހަރު ޝޯ ދިނުމަށް ރާއްޖެ ގެނައުމަށް ކުރިން ހަމަޖެއްސި ޝޯން ޕޯލް އަށް ވަނީ ބަޔަކު މަރުގެ އިންޒާރު ދީފަ އެވެ. އެކަމުގެ ސަބަބުން އޭނާ ރާއްޖެ ނާންނަ ގޮތަށް ވަނީ ނިންމާފައި އެވެ. އަދި އެ ރޭ ޝޯ ދިނުމަށް ރާއްޖެ ގެނެސްފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިން ކަަމަށްވާ ސާލިމް މާޗަންޓާއި ސުލައިމަން މާޗަންޓު އެވެ.