05 Feb 2011, 13:32
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު އަމިއްލައަށް ވޯޓު ނުލެވޭ ކަމަށް ބުނެ، އެހީތެރިން ގޮވައިގެން ވޯޓުލާންދާ މައްސަލަ ބޮޑުވެ، ގިނަ ރަށްތަކެއްގައި ވޯޓުލުން މެދުކަނޑާލަން ޖެހޭ ސަބަބު ކަމަށް ވެއްޖެ އެވެ.
އަދި އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އިންތިޚާބާ ގުޅިގެން އެންމެ ގިނައިން މިހާތަނަށް ހުށަހަޅާފައި ވަނީ އެހީތެރިންނާ އެކު ވޯޓުލާ މައްސަލަ ވެސް ކަމަށެވެ.
އިލެކްޝަނުން ބުނީ ހަމައެކަނި އެހީތެރިންނަށް ފުރުސަތު ދޭނީ އެމީހެއްގެ ގައިގައި ހުރި ޖިސްމާނީ ކަމަކާ ގުޅިގެން ކަމަށެވެ. އެގޮތުން މުސްކުޅިވެ ބަލިހާލު ދެރަވެފައިވާ މީހުންނާށާއި ލޯ އަނދިރި މީހުންނަށް އެހެން މީހުންގެ އެހީއާ އެކު ވޯޓު ލެވޭނެ ކަމަށް އިލެކްޝަން އޮފިޝަލު ވިދާޅުވި އެވެ. އަދި އެނޫން އެހެން މީހުން ވޯޓުލާން ޖެހޭނީ އެމީހަކު އަމިއްލަ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނުކުޅެދޭ މީހުންގެ އިޝޫއަކީ މައްސަލައެއް ނޫން މައްސަލައަކީ ޖިސްމާނީ ނުކުޅެދުންތެރިންކަން ހުންނަ މީހުންގެ މައްސަލަ. އޭތި ނުބައި ގޮތަކަށް އަނބުރާލައިގެން އުފެދިގެން އުޅޭ މައްސަލަތައް ހުރިހާ ދިމާއެއްގައިވެސް އުޅެނީ،" ކޮމިޝަންގެ އިސްވެރިޔަކު މިއަދު ވިދާޅުވި އެވެ.
މާލެ އާއި އަތޮޅު ތެރޭގައި ވޯޓުލުން ކުރިއަށް ދާއިރު ގިނަ ރަށްރަށުގައި ވޯޓުލުން މެދުކަނޑާލާފައި ވަނީ އެހީތެރިންނާ އެކު ބައެއް މީހުން ވޯޓުލާން ދާން ފެށުމާ ގުޅިގެން ނެވެ. އެގޮތުން ނ. ހޮޅުދޫ އާއި އެއަތޮޅު މަނަދޫއާއި ޅ. ނައިފަރާއި ގއ. މަޑަވެއްޔާއި ގދ. ފަރެސްމާތޮޑާގައި މިއަދު ހެނދުނު ވަނީ ވޯޓުލުން މެދުކަނޑާލައިފަ އެވެ.
ވޯޓުލުން މެދުކަނޑާލި ރަށްތަކުގެ ތެރެއިން ނައިފަރުގެ ދެނަމްބަރު ވޯޓު ފޮށީގެ ވޯޓުލުން ހުއްޓާލީ އެހީތެރިކަން ބޭނުންނުވާ މީހަކަށް އެހީތެރިކަން ދިން ކަމުގެ ތުހުމަތުގަ އެވެ. އެމީހާއަށް އެހީތެރިކަން ދޭން އުޅުނީ އެއީ ބަލި މީހެއް ކަމަށް ބުނެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، ނައިފަރުގައި ވޯޓުލުން ހުއްޓުވީ އެމްޑީޕީ މީހުންނެވެ. އަލުން ވޯޓުލާން ފެށީ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. އަދި އިލެކްޝަންސް އިން ނިންމީ، އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ދޭނީ އެމީހުން ޗެކުކުރުމަށް ފަހު ކަމަށެވެ.
އެހީތެރިންނާ އެކު ވޯޓުލާން ދާ މައްސަލަ ނ. ހޮޅުދޫގައި ވެސް ބޮޑުވެ ހަމަނުޖެހުން ހިންގާ ވޯޓު ފޮށި ވަނީ "ޖަހައިގަނެފަ" އެވެ. އެއީ އެރަށު ކުޅިވަރު މަރުކަޒުގައި ބަހައްޓައިފަ ހުރި ި ވޯޓު ފޮށްޓެވެ. އެމައްސަލައިގައި ވޯޓުފޮށި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އަލުން އެ ރަށުގައި ވޯޓުލާން ފަށާފައި ވަނީ ދޮޅު ގަޑިއިރެއްހާއިރު ފަހުން 11:15 ގަ އެވެ.
އަމިއްލައަށް ވޯޓު ނުލެވޭ މީހުންނަށް އެހީތެރިކަން ދިނުމުގެ މައްސަލައާ ގުޅިގެން ގދ. މަޑަވެލީގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓަށް ވެސް ވޯޓުލުން ވަނީ މެދުކަނޑާލާފަ އެވެ. ނަމަވެސް އިތުރު މައްސަލަތަކެއް ނުޖެހި، އެ ރަށުގައި ވަނީ އަލުން ވޯޓުލާން ފަށައިފަ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި މަޑަވެލި އިޖްތިމާއީ މަރުކަޒާއި ސްކޫލްގައި ބަހައްޓާފައި ހުރި ދެ ވޯޓު ފޮއްޓަށް ވެސް ވޯޓުލުން ހުއްޓާލީ 11:30 އެހާކަންހާއިރު އެވެ.
ނ. މަނަދޫގައި ވެސް ވޯޓް ފޮއްޓަކަށް ވޯޓްލާން ދިޔަ، ލިޔަންކިޔަން ނުދަންނަ މީހަކަށް އެހީވި ކަމަށް ބުނާ މައްސަލައެއްގައި ދެ ޕާޓީގެ މެންބަރުންގެ މެދުގައި އަރައިރުން އުފެދި މަނަދޫ ދެ ނަމްބަރު ވޯޓު ފޮށި ކައިރިގައި މައްސަލަ އުފެދި ވޯޓުލުން މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް އެއީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށް ބުނެ އަލުން ވަނީ ވޯޓުލާން ފަށައިފަ އެވެ.
ގދ. ފަރެސްމާތޮޑާގައި ވެސް ވޯޓުލުން ކުރިއަށް ދިއައިރު މިއަދު ހެނދުނު 10:50 އެހާކަންހާއިރު ފަރެހުގައި ވޯޓުލުން މެދުކަނޑާލީ، އަމިއްލައަށް ފާހަގަ ނުޖެހޭ ކަމަށް ބުނާ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަން ދިނުމުގައި އިލެކްޝަންސް އިން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން، ވޯޓުލާ މަރުކަޒުތެރެއަށް ބަޔަކު ވަދެގަތުމާ ގުޅިގެންނެވެ.
އަދި އިލެކްޝަނުން އަމަލުކުރާ ގޮތުގެ ސަބަބުން ބައެއް ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ހައްގުތައް ގެއްލޭ ކަމަށް ހިތްހަމަ ނުޖެހިގެން އަޑުގަދަކުރަމުންދާ މީހުން ވަނީ ބުނެފަ އެވެ. ފަރެހުގައި ވޯޓުލުން ފެށީ އެކެއް ޖަހަން އުޅެނިކޮށެވެ.