ފްރާންސްގެ ޖަލެއްގައި ތިބި ގައިދީންތަކެއް މަސްތުވާތަކެއްޗާއި ފައިސާއާ އެކު ނެގި ސެލްފީތަކެއް ސޯޝަލް މީޑިއާގައި ފެތުރެން ފެށުމުން، އެ ޖަލުގެ މެނޭޖްމަންޓާ ދެކޮޅަށް ތަހުގީގު ކުރަން ފަށައިފި އެވެ.

ފްރާންސްގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ މާސެއިގައި ހުންނަ ލެސް ބައުމެޓްސް ކިޔާ ޖަލެއްގައި ހައްޔަރުކޮށްފައި ތިބި ގައިދީންތަކެއް ފޭސްބުކްގެ ޕޭޖަކަށް އަޕްލޯޑްކުރި ފޮޓޯތަކުގެ ތެރޭގައި ފައިސާ ތަކެއް ހިފައިގެންނާއި މަސްތުވާތަކެއްޗާ އެކު ނަގާފައިވާ ފޮޓޯތަކުގެ ހިމެނެ އެވެ.

ގައިދީއަކު ޔޫރޯ ބޮޑި ހިފައިގެން ނަގާފައިވާ ފޮޓޯއެއް ---
މީގެ އިތުރުން، ޖަލަށް ވެއްދުން މަނާ، މޯބައިލް ފޯންތަކެއް އަތުރާލާފައި އޮތް އެދެއްގެ މަތީގައި ގައިދީއެއް އޮށޯވެލައިގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ހިމެނޭ އިރު، އެ ހުރިހާ ފޮޓޯއެއް އަޕްލޯޑްކުރި ޕޭޖަށް 5000 ލައިކްސް ލިބިފައިވެ އެވެ.

ފްރާންސްގެ ޖަލެއްގެ ތެރޭގައި ނެގި ސެލްފީތަކެއްގެ މައްސަލާގައި ފްރާންސްގެ ސިޓީއެއް ކަމަށްވާ ނައިސްގެ މޭޔަރު ކްރިސްޓިއަން އެސްޓްރޯސީ ވިދާޅުވީ، އެކަމާ ނުހަނު ލަނދުގަންނަ ކަމަށެވެ.

"ލާރި ބޮޑިތަކަކާއި މޯބައިލް ފޯންތަކެއް. މިއީ ބައުމެޓްސް ހޮލިޑޭ ސެންޓަރެއްތަ؟ މިއީ ލަނދު ހުރި ކަމެއް،" އޭނާ ވިދާޅުވެފައިވެ އެވެ.

މައުލޫމާތު: ދި އިންޑިޕެންޑެންޓް