07 Jan 2015, 15:11
ސްރީލަންކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިހާބަކީ ސުލްހަވެރި އިންތިހާބަކަށް ހެދުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ގޮވައިލެއްވި ގޮވައިލެއްވުމަކީ އެއްވެސް ސަބަބަކާ ނުލައި ގޮވާލާފައިވާ ގޮވައިލުމެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން މިއަދު ބުނި ކަމަށް ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ އެގައުމުގައި 1931 ވަނަ އަހަރުން ފެށިގެން ސުލްހަވެރިކަމާ އެކު ރަނގަޅު އިންތިޒާމަކުން އިންތިހާބުތައް ބާއްވަމުން އަންނަ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގިނަ އަދަދެއްގެ މީހުން އެ އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ ކަމަށެވެ.
ލަންކާ ފޮރިން މިނިސްޓްރީ އިން އަދި ބުނެފައި ވަނީ އެގައުމުގެ އިލެކްޝަންސް ކޮމިޝަނަކީ ވެސް މިނިވަން ކޮމިޝަނެއް ކަމަށާއި ބައިނަލް އަގުވާމީ އޮބްޒާވަރުން ގިނަ އަދަދަކަށް އެގައުމުގައި ތިބި ކަމަށެވެ.
ލަންކާ ފޮރިން މިނިސްޓްރީން އަދި ބުނެފައި ވަނީ ޔޫއެން ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު އެގައުމާ މެދު އެފަދަ ގޮތަކަށް ވާހަކަ ދެއްކެވުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.