ރާއްޖޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންގެ ފެންވަރު ބެލުމަށް މިއަދު ބާއްވަން އުޅުނު އިމްތިހާނުގައި އެއްވެސް ޑޮކްޓަރަކު ބައިވެރިނުވުމުން އިމްތިހާނު ބޭއްވޭގޮތެއް ނުވިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ރައީސް ޑރ. އަބްދުﷲ އަފީފް ވިދާޅުވީ މިއަދު ބާއްވާ އިމްތިހާނުގައި ބައިވެރިވުމަށް ކަނޑައެޅި ސުންގަޑިއަކީ އިއްޔެ މެންދުރު 12:00 ކަމަށެވެ. އެހެންނަމަވެސް އެއްވެސް ޑޮކްޓަރަކު އިމްތިހާނުގައި ބައިވެރިވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފީފް ވިދާޅުވީ މެޑިކަލް ކައުންސިލުން ނިންމާފައި ވަނީ އަހަރަކު ތިން އިމްތިހާނު ބާއްވަން ކަމަށެވެ. އެގޮތުން އަންނަ ޖޫން މަހާއި ޑިސެމްބަރު މަހުގައި އިމްތިހާނު ބާއްވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެޑިކަލް ކައުންސިލުން ކަނޑައަޅާފައި ވަނީ އިމްތިހާނުން ފާސްނުވާ ޑޮކްޓަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނުދިނުމަށް ކަމަށާއި އެހެންކަމުން އިމްތިހާނުގައި ބައިވެރިނުވިޔަސް ރާއްޖޭގައި ޑޮކްޓަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުންގެ ފެންވަރު ބެލުމުގެ އިމްތިހާނުގައި ބައިވެރިވާންޖެހޭނީ 31 ޑިސެމްބަރު 2013ގެ ފަހުން މެޑިކަލް ކައުންސިލުގައި ރެޖިސްޓްރީ ކުރެވިފައިވާ ދިވެހި އަދި ބިދޭސީ އެމްބީބީއެސް ޑޮކްޓަރުންނެވެ. ނަމަވެސް ސްޕެޝަލިސްޓް ޑޮކްޓަރުން އެ އިމްތިހާނު ހަދަން ނުޖެހޭނެ ކަމަށް މެޑިކަލް ކައުންސިލުން ވަނީ ބުނެފަ އެވެ.