އެޗްބީއޯގެ މަޝްހޫރު ހައި ފެންޓަސީ ޓީވީ ސީރީޒް "ދަ ގޭމް އޮފް ތްރޯންސް" އެމެރިކާގެ އައިމެކްސް ތިއޭޓަރުތަކުގައި އެޅުވުމަށް އެ ޗެނަލުން ނިންމައިފި އެވެ.

މިމަހުގެ 23 ފެށިގެން ހަ ދުވަހުގެ ނިޔަލަށް ތިއޭޓަރުތަކުގައި ދެއްކުމަށް ހަމަޖެހިފައިވާ އެ ސީރީޒަކީ މިހާތަނަށް ބޮޑު ސްކްރީނުގައި އަޅުވާ ފުރަތަމަ ސީރީޒެވެ.

ތިއޭޓަރުތަކުގައި ގޭމް އޮފް ތްރޯންސް އަޅުވާއިރު ދެއްކުމަށް ހަމަޖެހިފައިވަނީ އެ ސީރީޒްގެ އެންމެ ފަހު ސީޒަން ކަމަށްވާ ސީޒަން ހަތަރެއްގެ ފަހު ދެ އެޕިސޯޑެވެ. މީގެ އިތުރުން މިއަހަރު އޭޕްރިލް މަހު ފެށުމަށް ހަމަޖެހިފައިވާ އެ ސީރީޒްގެ ސީޒަން ފަހެއްގެ ޓްރެއިލާ އެއްވެސް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އެޗްބީއޯ އިން ބުނެފައިވެއެވެ.

އެޗްބީއޯގެ ޗީފް މާކެޓިން އޮފިސަރު ޕަމެލާ ލެވައިން ވިދާޅުވީ، ގޭމް އޮފް ތްރޯންސް އަކީ ސިނަމާތަކުގައި ދެއްކުމަށް ފުރިހަމަ ކޮލިޓީ ހުރި ސީރީޒެއް ކަމަށާއި، ސިނަމާތަކުގައި އެޅުވުމުގެ ބޭނުމަކީ އެ ސީރީޒްގެ ބެލުންތެރިން އިތުރު ކުރުން ކަމަށެވެ.

ސީރީޒްގެ ފުރަތަމަ ޕްރިމިއާ ކުރިއިރު އެމެރިކާގެ 2.22 މިލިއަން މީހުން އެޗްބީއޯ އިން އެ އެޕިސޯޑު ބަލާފައިވާއިރު ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑް ބަލާފައިވަނީ 3.04 މިލިއަން މީހުންނެވެ. އެމެރިކާގެ 7.09 މިލިއަން ބެލުންތެރިން ސީޒަން ހަތަރެއްގެ ފިނާލޭ ޕްރިމިއާ ކުރި ރޭ އެޗްބީއޯއިން އެ ސީރީޒް ބަލާފައިވުމަކީ އޭގެ ބެލުންތެރިން އިތުރުވާ ކަމުގެ އިތުރު ހެއްކެކެވެ.