ބެޓްރީގެ ޗާޖު 29 ދުވަހަށް ހިފަހައްޓައިދޭ ނޮކިއާ ފޯނެއް މައިކްރޯސޮފްޓުން ދައްކާލައިފި އެވެ.

މައިކްރޯސޮފްޓުން ދާދި ފަހުން ގަނެފައިވާ ނޮކިޔާ ކުންފުނީގެ ނަމުގައި ނެރުން "ނޮކިއާ 215" ފޯނު "ގަދައީ" އޭގެ ބެޓްރީގެ އުމުރުގެ ސަބަބަކުން އެއްކަންޏެއް ނޫނެވެ. އެ ފޯނަކީ މިހާތަނަށް ނެރޭ އެންމެ އަގުހެޔޮ އިންޓަނެޓު ފޯނުވެސް މެއެވެ.

ލަސް ވޭގަސް ގައި ކުރިއަށްދާ ކޮންޒިއުމާ އިލެކްޓްރޯނިކްސް އަދި ޓެކްނޮލޮޖީ ޓްރޭޑްޝޯ (ސީއީއެސް) ގައި މައިކްރޯސޮފްޓުން ދައްކާލި އެ ފޯނަކީ ސްޓޭންޑްބައި މޯޑުގައި 29 ދުވަހަށް ބެޓެރީގެ ޗާޖު ހިފަހައްޓާ ފޯނެކެވެ. އަދި ހުއްޓާ ނުލައި ބޭނުން ކުރާ ކަމުގައި ވާނަމަ 20 ގަޑިއިރު ބެޓްރީގެ ޗާޖު ހުންނާނެއެވެ.

އޭޝިޔާ އާއިއެފްރިކާ ފަދަ ގައުމުތަކުގެ އާންމުންނަށް އަމާޒުކޮށްގެން މައިކްރޮސޮފްޓުން އުފައްދާފައިވާ އެ ފޯނު، 29 ޑޮލަރަށް ގަންނަން ލިބޭނެ އެވެ.

ޑުއަލް ސިމް ބޭނުންކުރެވޭ ވާޝަން އެއް ހިމެނޭ އެ ފޯނުގައި ޓޯޗު- ފްލެޝް ލައިޓެއްގެ އިތުރުން އެފްއެމް ރޭޑިއޯ ލިބޭނެ އެވެ. އިންޓަނެޓު ބޭނުންކުރެވޭ އެ ފޯނު ގަންނަ އިރު އޭގައި "އިން ބިލްޓް" ކޮށް ފޭސްބުކް މެސެންޖާ އާއި އޮޕެރާ މިނީ އިންނާނެއެވެ.

ބާޒާރަށް އެ ފޯނު ނެރޭނެ ސީދާ ތާރީހެއް މައިކްރޯސޮފްޓުން ބުނެފައި ނުވި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި އެ ފޯނު ގަންނަން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.