07 Jan 2015, 14:02
ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ އެންމެ ބޮޑު ސްކޫލް، ރެހެންދި ސްކޫލުގެ މަސައްކަތް އާ އަހަރު ކިޔެވުން ފެށުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު 'ސަން' އަށް ވިދާޅުވީ، އާ އަހަރު ފެށޭ ދުވަހު ރެހެންދި ސްކޫލުގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަމީން ކޮންސްޓްރަކްޝަނުން ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބޭފުޅުން {އަމީން ކޮންސްޓްރަކްޝަން} ވަނީ ކަށަވަރުކޮށްދެއްވާފައި ހޮނިހިރު ދުވަހު އެތަން ނިންމާފައި ނުކުންނާނެ ކަމަށް. ބައުންޑަރީގެ މަސައްކަތްވެސް ނިންމާފައިވަނީ. މިހާރު ގަސްއިންދުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުން. ދިރާސީ އާ އަހަރު ކިޔެވުން ފެށުމުގެ ކުރިން އެތަނުގައި ދަރިވަރުންނަށް ސާފު ރައްކާތެރި މާހައުލެއްގައި ކިޔަވައިދެވޭނެ،" ނަޒީރު ވިދާޅުވި އެވެ.
ޖުމްލަ 110 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ ސްކޫލުގައި 44 ކްލާސްރޫމާއި ހޯލަކާއި ލެބްތަކާއި ލައިބްރަރީގެ އިތުރުން ސްޓާފްރޫމް އާއި އިދާރީ އޮފީހެއް ހިމެނެއެވެ. އަދި އެ ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެެކެވެ.
ނަޒީރު ވިދާޅުވީ، ރެހެންދި ސްކޫލުގެ އެންމެ ގިނަ ކްލާސް ރޫމްތައް ހިމެނޭ ދެ ބްލޮކްގެ މަސައްކަތް ނިންމައި މިހާރު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މެދުތެރޭގައި އޮންނަ ބްލޮކްގައި ހިމެނޭ ހޯލާއި ލެބްތަކުގެ މަސައްކަތް މާދަމާ ނިންމާލައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް، ސްކޫލްގެ ކިޔެވުން ފެށިގެން ކުރިއަށް ދާއިރުވެސް ކުދިކުދި މެއިންޓަނެންސް މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.
ހުޅުމާލޭގައި އެންމެ ފަހުން ޗައިނާ ސަރުކާރުން އިމާރަތްކުރި ފްލެޓްތައް ހިމެނޭ ނެއިބަހުޑް-3 ގައި ފަސް ބުރިއަށް ހަދާ ރެހެންދި ސްކޫލްގައި ފުރަތަމަ ކިޔަވައިދޭން ފަށަނީ ގްރޭޑް 1-8 އަކަށެވެ. އަދި އެ ސްކޫލަށް އަންނަ ދިރާސީ އާއަހަރަށް 1000 އަށްވުރެ ގިނަ ކުދިން ވަދެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.