07 Jan 2015, 13:54
އެން ސްޕޯޓްސް އެކަޑަމީ އާއި ރޯޑް ރަނާސް އިންތިޒާމްކޮށްގެން މާދަމާ ރޭ ބާއްވަން ހަމަޖެއްސި މިޑްނައިޓް މެރެތަން ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.
އެ މެރެތަން އިންތިޒާމްކުރި ފަރާތްތަކުން ބުނީ މެރެތަން ފަސް ކުރަން ނިންމީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން މާދަމާ ރޭ ގަލޮޅު ދަނޑުގައި މިއުޒިކް ޝޯއެއް ބާއްވަން ނިންމާފައި ވުމުން ކަމަށެވެ. އަދި މިހާރު އެ މެރެތަން ބާއްވަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ރޭ 11:00 ގައި ކަމަށް އެ މެރަތަން އިންތިޒާމްކުރި ފަރާތްތަކުން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިޑްނައިޓް މެރެތަން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ބާވަތެއްގެ މެރެތަން އެކެވެ. އެ މެރަތަން އިންތިޒާމް ކުރާ ފަރާތްތަކުން ބުނި ގޮތުގައި ރޭގަނޑު ދަންވަރު ބާއްވާ އެ މެރަތަން މިފަހަރު ރާއްޖޭގައި ބޭއްވުމުގެ މަގްސަދަކީ، ދުވުމަކީ ހަމައެކަނި ވަކި ގަޑިއެއް ހާއްސަ ކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން އަންގައިދިނުން ކަމަށެވެ.
އެސްޓީއޯ ފިއުލް ސަޕްލައި އިން ސްޕޮންސާ ކޮށްފައިވާ އެ މެރެތަންގައި ތިން ބައެއް ހިމަނާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްފައިވާ ފަސް ކިލޯމީޓަރުގެ ބަޔަކާއި، 15 ކިލޯމީޓަރު އަދި ހާފް މެރެތަން (21 ކިލޯމީޓަރު) ބައެކެވެ.
ފަސް ކިލޯމީޓަރުގެ ބައި 16 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކުރެވިފައި ވިޔަސް، އެ ބައިގައި އެހެން ފަރާތްތަކަށް ވެސް ބައިވެރި ވެވޭނެކަމަށް އެ މެރަތަން އިންތިޒާމްކުރި ފަރާތްތަކުން މައުލޫމާތު ދެއެވެ.
އެ މެރަތަންގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައި ވާއިރު، އެ މެރަތަން ނިންމާ ކޮންމެ ދުވުންތެރިއަކަށް ވެސް މެރަތަން ނިންމި ވަގުތު އިނގޭ ގޮތަށް ސެޓްފިކެޓެއް ދޭން ވަނީ ހަމަޖެހިފައެވެ.