ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މިއުޒިކް ފެސްޓިވަލްގެ ޕްރިޔަންކާ ބައިވެރިވާ ޝޯގައި ޕާފޯމް ކުރުމުގެ ފުރުސަތު ރާއްޖޭގެ މަޝްހޫރު ނެށުންތެރިޔާ ސުނީތާ ޢަލީއަށް ލިބިއްޖެ އެވެ.

އެ ޝޯ ގައި ޕާފޯމް ކުރުމުގެ ފުރުސަތަކަށް އެދި ސުނީތާ ކުރިވި ޓްވީޓަކަށް، ޖަވާބުދެއްވައި ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރިޔަންކާ ޝޯގައި ބައިވެރިވެ، އޭނާއާ ބައްދަލުކޮށްލުމުގެ ފުރުސަތު ސުނީތާއަށް ދެއްވާނެ ކަމަށެވެ. އަދި ސުނީތާ އަކީ ރާއްޖޭގައި ހުރި ޕްރިޔަންކާގެ 'ނަންބަރު ވަން ފޭން' އެއްކަން އަދީބު ފާހަގަކުރައްވާފައި ވެއެވެ.



ސުނީތާ މިއަދު ޓޫރިޒަމް މިނިސްޓަރު އަދީބު ޓެގް ކޮށް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ޕްރިޔަންކާ އާ އެކު ޕާފޯމްކޮށްލުމުގެ ފުރުސަތު ލިބުން ވެގެން ދާނީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމަކަށް" ކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު ސުނީތާ ވަނީ އިންޑިއާގެ ދިއްލީގައި ޕްރިޔަންކާއާ ބައްދަލުކޮށް، އޭނާއަށް ހާސްކޮށް ތައްޔާރުކުރި ބައެއް ހަދިޔާވެސް ޕްރިޔަންކާއަށް ދީފައެވެ. އަދި އޭރު ސުނީތާ ބުނެފައި ވަނީ ޕްރިޔަންކާ ރާއްޖެ ގެންނާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މިއުޒިކް ފެސްޓިވަލްގެ ޝޯގައި ޕްރިޔަންކާގެ އިތުރުން އެމެރިކާގެ އާރްއެންޑްބީ/ހިޕްހޮޕް/ރެޕް ލަވަ ކިޔުންތެރިޔާ އޭކަން ޕާފޯމް ކުރާނެ އެވެ.