ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ޖަޕާން ވޮލަންޓިއަރުންގެ ޓީމެއް ކަމަށްވާ ޖަޕާން އޯވަސީސް ކޯޕަރޭޝަން ވޮލަންޓިއާސް (ޖޭއޯސީވީ)ގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ، ޖޭއޯސީވީ އަކީ ރާއްޖެއާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ދަރިވަރުންނަށް ހިލޭ ސާބަހަކަށް މަސައްކަތްކުރާ ޓީޗަރުން ފޮނުވާތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކޯޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މިފަހަރު ރާއްޖެއައި ޓީމުގައިވެސް ރާއްޖެއިން ޓީޗަރުން ލިބެން ނެތް މުހިއްމު ދާއިރާތަކަށް ޓީޗަރުން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަހަރު ރާއްޖެ ފޮނުވި ޖޭއޯސީވީގެ އަށް ބޭފުޅުންގެ ޓީމުގައި ފިޒިކަލް އެޑިއުކޭޝަން، ސިކުނޑީގެ ކަސްރަތުގެ އިތުރުން ޖަޕަނީޒް ބަސް ކިޔަވައިދެއްވާނެ ބޭފުޅުން ހިމެނިވަޑައިގަންނަވާ. އޭގެ ތެރެއިން ހަތް ބޭފުޅުން ކިޔަވައިދެއްވާނީ ސްކޫލްތަކުގައި. އަދި ޖަޕަނީޒް ބަސް ކިޔަވައިދެއްވާ ޓީޗަރު ކިޔަވައިދެއްވާނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި،" އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނަޒީރު ވިދާޅުވި އެވެ.

މިއަހަރު ރާއްޖެ އައި ޖޭއޯސީވީގެ ބޭފުޅުން ރާއްޖޭގަައި ދެ އަހަރު ދުވަހު ކިޔަވައިދެއްވާނެ އެވެ. އަދި ދިވެހި ބަހާއި އާދަކާދައާއި ސަގާފަތަށް އަހުލުވެރިވުމަށް ވ. ކެޔޮދޫގެ ދިވެހި އާއިލާތައް ކައިރީގައި އެއް މަސް ދުވަސް ހޭދަކުރާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ޖޭއޯސީވީ ޖަމިއްޔާ އަކީ ޖަޕާނު ސަރުކާރުގެ އެކި ޕްރޮގްރާމްތައް އެކިގައުމުތަކުގައި ހިންގައިދޭ ޖަމިއްޔާއެކެވެ. އެކި ގައުމުތަކުގައި އެ ޖަމިއްޔާގެ މީހުން ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްތައް ރާވައި ހިންގަމުން ދެ އެވެ. އަދި އެ ޖަމިއްޔާގެ ގިނަ އަދަދެއްގެ ވޮލަންޓިއަރުން އޭޝިއާގައާއި އެފްރިކާގައި ވެސް މަސައްކަތްކުރަމުންދެ އެވެ.