07 Jan 2015, 13:31
ކުޑަ ކުއްޖަކަށް ބިރު ދެއްކި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދެއްކި މައްސަލައެއްގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހިންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި އެ މީހުން ތިބި ގެސްޓްހައުސްއެއް ބަލާފާސްކުރުުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ފަސް ޕެކެޓާއި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕަކާ އެކުގަ އެވެ.
ފުލުހުން ބުނީ އެ ގެސްޓްހައުސް ބަލާފާސްކުރުމުގެ ތެރޭގައި އެތަނުން އެކަކު ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ފަސް ރަބަރު ޕެކެޓް އެމީހުން އެވަގުތު ތިބި ގޭގެ ފާހާނާ ތަށި ތެރެއަށް ވައްޓާލުމާ ގުޅިގެން ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޕްޓޮޕް ފެނިފައި ވަނީ އެތަނުން އެކަކު ގެންގުޅުނު ދަބަހެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދައްކައި، ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި ވެސް އިއްޔެ ވަނީ 25 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން އިއްޔެ ހަވީރު 16:30 ހާއިރު އަތޮޅުތެރޭގެ ރަށަކުން ކަމަށެވެ.