ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް، 25 އަހަރު ވަންދެން އެ ޓީމަށް ހިދުމަތް ކޮށްދިނުމަށްފަހު މި ސީޒަން ނިމުމުން ޓީމް ދޫކޮށްލަން ނިންމާފައި ވާއިރު، މި ސީޒަން ފެށުމުގެ ކުރިން އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅިނަމަ އޭނާ އެ ޓީމްގައި މަޑުކުރާނެ ކަމަށް ޖެރާޑް ބުނެފި އެވެ.

ޖެރާޑް ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އޭނާ އިންގްލޭންޑުގެ ގައުމީ ޓީމަށް ކުޅުން ހުއްޓައިލީ ލިވްޕޫލްގައި ކުރިއެރުން ހޯދަން ކަމަށާއި، މިދިޔަ ސީޒަންގައިވެސް އޭނާއަށް ލިވަޕޫލްގައި ރަނގަޅު ކުޅުމެއް ދެއްކިފައި ވާކަމަށް ގަބޫލްކުރާ ކަމަށެވެ. އަދި މިދިޔަ ނޮވެންބަރު މަހު އޭނާއަށް ކޮންޓްރެކްޓެއް ހުށަހެޅިފައި ވާއިރު، ނޮވެންބަރުގައި އޭނާގެ ކުޅުމުގެ ވަގުތު މަދުކުރަން ކޯޗް ބްރެންޑަން ރޮޖާސް އޭނާއާ މަޝްވަރާ ކުރުމުން، ކްލަބުގައި މަޑުކުރުމާމެދު ވިސްނާލަން އޭނާއަށް ފުރުސަތު ލިބުނު ކަމަށް ޖެރާޑް ބުންޏެވެ.

"ވޯލްޑް ކަޕަށްފަހު އިންގްލޭންޑް ޓީމުން އަހަރެން ރިޓަޔާ ކުރީ ލިވަޕޫލްގައި އަހަރެންގެ ކުޅުމަށް ކޮންސަންޓްރޭޓް ކުރަން. ވޭތުވެދިޔަ ދެ އަހަރާ ބައިގައި އަހަރެންގެ އިންޖަރީ ރިކޯޑުވެސް ރަނގަޅު. އަދި އަހަރެން ގަބޫލްކުރާ ގޮތުގައި މިދިޔަ ސީޒަންގައިވެސް ލިވަޕޫލްގައި އަހަންނަށް ދެއްކުނީ ރަނގަޅު ކުޅުމެއް. ނަމަވެސް ނޮވެންބަރު މަހުގައި އަހަރެން މެޗުތަކުގައި ކުޅޭ ވަގުތު މަދުކުރުމަށް ކޯޗް ރޮޖާސް އަހަންނާ މަޝްވަރާ ކުރި. އަދި ސީޒަން ފެށިގެން އެހިސާބަށް ދިޔައިރު ލިވަޕޫލްގައި މަޑުކުރުމާމެދު ވިސްނާލަންވެސް އަހަންނަށް ފުރުސަތު ލިބުނު،" އޭނާ ބުންޏެވެ.

ލިވަޕޫލް މި ސީޒަންގައި ބަދުނަސީބުވެރިކަމާ ކުރިމަތިލާން ޖެހިފައި ވާއިރު، ޖެރާޑް ބުނީ އޭނާ ލިވަޕޫލް ދޫކޮށްލަން ނިންމީ މި ފަހަކަށް އައިސް ޓީމް ނެރޭ ނަތީޖާ ދައްވުމުން ނޫން ކަމަށާއި، އޭނާ ކްލަބް ދޫކޮށްލަން ނިންމީ 'ސްކޮޑް ޕްލޭޔަރަކަށް' ވާން އޭނާ ބޭނުން ނުވީމަ ކަމަށެވެ.

"މި ސީޒަންގައި ލިވަޕޫލްގައި އަހަރެން ކުޅޭ މެޗުތައް އަދަދު ކުރެވޭކަށް އަހަރެން ބޭނުމެއް ނޫން. އެއްވެސް އިރެއްގަ އަހަންނަކީ ސްކޮޑް ޕްލޭޔަރެއްގެ ގޮތުގައި ބެންޗުގައި ބައެއް މެޗުތަކުގައި މަޑުކުރާގޮތަށް ކުޅޭ ހިތްވާ ކުޅުންތެރިއެއް ނޫން. އަދި އަހަންނަށް ވިސްނުނު ގޮތުގައި، މިހާރު އަހަރެން ބައެއް މެޗުތަކުގައި ބެންޗުގައި މަޑުކުރަން ޖެހޭ ނަމަ، އަންނަ ސީޒަންގައި އަދި މި ސީޒަނަށް ވުރެ ގިނަ މެޗުތަކުގައި އަހަރެން އިންނަން ޖެހޭނީ ބެންޗުގައި. އަދި ދުވަސްވީ ވަރަކަށް އެކަންތައް ދާނީ ހައްތަހާ ގޯހުން ގޯހަށް،" ޖެރާޑް ބުންޏެވެ.

ލިވަޕޫލަށް ކުޅެދިން 696 މެޗުގައި އެ ޓީމަށް 182 ލަނޑު ކާމިޔާބު ކޮށްދިން ޖެރާޑް މި ސީޒަންގައި އެ ޓީމްގެ 27 މެޗަކުން ފެނިފައި ވާއިރު، އޭނާ ވަނީ އެ ޓީމަށް މި ސީޒަންގެ މިހާތަނަށް ނުވަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ކްލަބް ދޫކޮށްލަން ނިންމުމުން ބައެއް ފަރާތްތަކުން ވަނީ ލިވަޕޫލްގައި މިހާތަނަށް އުފެދުނު އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެ ކްލަބުގައި ބަހައްޓަން އެ ކްލަބުން މަސައްކަތް ކުރި ވަރާ މެދު ސުވާލު އުފައްދާފައެވެ.