ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި އެންމެ ކައިރިން ވާދަކުރައްވާނެ ކަމަށް ބެލެވޭ ދެބޭފުޅުންނަކީ ރައީސް މަހިންދަ ރާޖަޕަކްސާއާއި ކުރީގެ ހެލްތު މިނިސްޓަރު މައިތިރިޕާލާ ސިރިސޭނާ އެވެ. ލަންކާގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެދެބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބު ކުރެއްވިޔަސް އެކަން ވާނީ ހަނި އަޣުލަބިއްޔަތަކުންނެވެ. އެހެންވީމާ ސިޔާސީ ގޮތުން ގިނަ ފިއްތުންތަކާ އެކުގައި ނޫނީ ވެރިކަން ކުރައްވާކަށް ފުރުސަތެއް ނޯންނާ އެވެ.

"...ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަންނަވާ ބޭފުޅަކަށް މަދު މަސްތަކަކަށް ފަހު އޮންނަ އިންތިހާބުގައި ޕާލަމެންޓްގެ ކޮންޓްރޯލް ހޯއްދެވުމުގެ ފުރުސަތު ވަރަށް ފަހިކޮށް އޮންނާނެ އެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ބޭފުޅަކަށް ކުރިމަތިވެވަޑައިގަންނަވާނެ ގޮން ޖެހުމަކީ ސިޔާސީ ގޮތުން ހަމަޖެހުން ގެނައުމެވެ،" ލަންކާގެ މަޝްރަހު ދިރާސާ ކުރާ ކްރައިސިސް ގްރޫޕުގެ މުހައްލިލެއް ކަމަށްވާ އެލަން ކީނާން އޭނާގެ ބްލޮގްގައި ލިޔެފައިވެ އެވެ.

ކުރުކޮށް ބުނާ ނަމަ ރިޔާސީ އިންތިހާބަށް ފަހުގައި ވެސް ލަންކާއަށް ހަމަޖެހުން އައުމުގެ ބަދަލުގައި އެގައުމު އޮންނާނީ ހައިޖާނެއްގެ ތެރޭގަ އެވެ. އެއީ އެގައުމުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އޮތް ބިރެކެވެ.
އަނެއް ކަމަކީ ރާޖަޕަކްސާ އާއި ވާދަކުރައްވާ މައިތިރި ޕާލަ ސިރިސޭނާއަށް ހުޅަނގުގެ ގައުމުތަކުން ސިއްރުން ވާގިވެރިވަމުން ދާ ދިއުމެވެ. ބައެއް ޑިޕްލޮމޭޓުން ދެކޭ ގޮތުގައި ސިރިސޭނާ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އަހުލީ ހަނގުރާމައިގެ ސަބަބުން ތަމަޅައިންނާއި ސިންގަޅައިންނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމަށް ލުޔެއް ލިބޭނެ އެވެ.

އަދި ރައީސް ރާޖަޕަކްސާގެ ސަރުކާރާ ގުޅުން ގޯސްވެފައިވާ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އާއި ވެސް ސިރިސޭނާ ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެގޮތުން ޗައިނާ ކޮމިއުނިކޭޝަންސް ލިމިޓެޑާ ހަވާލުކޮށްފައިވާ 1.5 ބލިޔަން ޑޮލަރުގެ މަޝްރޫއުގެ އެއްބަސްވުން އުވާލާނެ ކަން އޭނާ ވަނީ ހާމަކުރައްވާފަ އެވެ.
ސިރިސޭނާގެ ފަހަތުގައި ލަންކާގެ އިދިކޮޅު ސިޔާސީ ފަރާތްތައް އެއްބައިވީ އެންމެ މުހިއްމު ސަބަބަކީ ވެލްފެއާ އަށް ބޮޑު ހޭދައެއް ކުރައްވަން ވައުދު ވުމެވެ.

ރިޔާސީ އިންތިހާބު ސިރިސޭނާ އަށް ކާމިޔާބު ކުރެއްވިއްޖެ ނަމަ ރާޖަ ޕަކްސާ ޕާލަމެންޓް ހޯއްދަވައިގެން އެކަމަށް ހުރަސް އަޅުއްވާނެ އެވެ. އަދި ރާޖަޕަކްސާ ރައީސްކަން ދިފާއު ކުރައްވައިފި ނަމަ ސިރިސޭނާއާއި އިދކޮޅު ޕާޓީތަކުން ޕާލަމެންޓްގެ ކޮންޓްރޯލް ހޯދައި، އެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ބާރު އަޅާނެ އެވެ. އޭރުން ލަންކާއަށް ހަމަޖެހުމެއް ނުލިބޭނެ އެވެ.
(ރޮއިޓާސް)