07 Jan 2015, 12:55
އިންޑޮނޭޝިއާ ކައިރިން ކަނޑަށް ވެއްޓިފައިވާ މަތިންދާބޯޓް ކިއުޒެޑް 8501 ގެ ކަޅު ފޮށި އޮންނަ ، އެބޯޓްގެ ފަހަތުބައި ފެނިއްޖެ އެވެ.
ސީއެންއެން ބުނީ އެއާ އޭޝިއާގެ އެ މަތިންދާބޯޓްގެ ފަހަތު ބައި ހޯދުނީ ސޯނާ އިމޭޖަރީ ބޭނުންކޮށްގެން ކަމަށާއި ޑައިވަރުން މިހާރު އެސަރަހައްދަށް ފީނައި، އެބައިގެ ފޮޓޯތައް ވެސް ނަގާފައިވާ ކަމަށެވެ. އެހެންވީމާ ކަޅުފޮށި ފެނުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
އެއާ ބަސް 320-200 ސީރީސްގެ މަތިންދާބޯޓުތަކުގެ ކަޅުފޮށި އޮންނަނީ ފަހަތު ބައި (ޓެއިލް ސެކްޝަން)ގެ ކަނާތް ފަރާތުގަ އެވެ. މިހާރު ފެނިފައި ވަނީ ކަނާތްފަރާތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ކަޅު ފޮށި ( ޑާޓާ ރެކޯޑަރް) އަކީ ކޮމާޝަލް މަތިންދާބޯޓެއް ވެއްޓުމުން ހާދިސާ ތަހުގީގު ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ ވަސީލަތެވެ. އޭގައި ރައްކާކުރެވިފައި ހުންނަ މައުލޫމާތުގެ ތެރޭގައި މަތިންދާބޯޓް ދުއްވަމުން ދިޔަ ސްޕީޑާއި ލޭންޑިން ގިއަރު އޮތް ޕޮޒިޝަނާއި ޕައިލެޓުން ދައްކާ ވާހަކަ ވެސް ހިމެނެ އެވެ.