ދިރާސީ އާ އަހަރު އަންނަ އާދިއްތަ ދުވަހުގައި ފެށޭ އިރު ގިނަ އަދަދެއްގެ ބަޔަކު ސްކޫލް ޔުނީފޯމް ގަންނަން ފިހާރަތަކުގައި ކިޔޫހަދައިފި އެވެ.

ސަންގެ ނޫސްވެރިން މިއަދު ގޮސް ބެލިބެލުމުން މާލޭގައި ޔުނީފޯމް ވިއްކާ ހުރިހާ ފިހާރައެއްގެ ދޮށުގަޔާއި އެތެރޭގައި ވެސް ގިނަ ބަޔަކު "ތޮއްޖެހިފައި"ވެ އެވެ. އެގޮތުން އީވް ގާމެންޓާއި އޭޑީޖީގެ އިތުރުން ހުދުމާ ފިހާރަ ހުޅުވަންދެން ފިހާރަ ބޭރުގައި ގިނަ ބަޔަކު ކިޔޫގައި ތިބި އިރު ފިހާރަ ހުޅުވުމުން ވެސް ގިނަ ބަޔަކު ދަނީ ޔުނީފޯމާއި އެއާ ގުޅޭތަކެތި ހޯދަމުންނެވެ. ބައެއް ބެލެނިވެރިންގެ ޝަކުވާއަކީ ބައެއް ތަކެތި ނުލިބޭތީ އެވެ.


ސަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އީވް ގާމެންޓްގެ މެނޭޖަރު އަހުމަދު މުސާއިދު މިއަދު ވިދާޅުވީ އެކުންފުނިން ވަނީ ގިނަ އަދަދެއްގެ ސްކޫލްތަކަކަށް، އެ ސްކޫލްތަކާ އެކު އެއްބަސްވެފައިވާ ގޮތަށް ޔުނީފޯމް ފޯރުކޮށްދެމުން ކަމަށެވެ. މިހާރު އެފިހާރާގައި ބާރުބޮޑުވެފައިވާ އެއްސަބަބަކީ ހިރިޔާ ސްކޫލުގެ ޔުނީފޯމް ފަހުން ދޫކުރަން ފެށުމުން އައިސްގެން އުޅުމުން އުޅޭ ބާރު ބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުނީފޯމް ނުލިބޭ ކަމަށް ބައެއް ބެލެނިވެރިން ބުނާތީ އެކަމާ ގުޅިގެން މުސާއިދު ވިދާޅުވީ ކޮންމެ ސްކޫލެއްގެ ޔުނީފޯމް ވެސް ހަދަނީ ސްކޫލަކުންދޭ އަދަދަކަށް ބަލައި ކަމަށާއި ހުސްވާ ވަރަކުން ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އަދި ސައިޒު ނުލިބިގެން އެކަން ހުށައަޅާ ފަރާތްތަކަށް ކިޔޫގެ ތަރުތީބުން ޔުނީފޯމް ފަހައިދޭ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ވަރަށް ގިނަ ސްކޫލްތަކަށް އެބަ ޔުނީފޯމް ފަހައިދެން، އެގޮތުން ސައިޒު ނުލިބިގެން ބައެއް ބެލެނިވެރިން އެދުމުން އަލުން ފަހައި ވެސް ދެން، އެކަމުގައި ބައެއް ފަހަރު ދެ ދުވަސް އަނެއްބައި ފަހަރު ފަސް ދުވަސްވެއް ވޭ، ކިޔޫގެ ތަރުތީބުން އެކަން ދަނީ." މުސާއިދު ވިދާޅުވި އެވެ.

ފިރާތަކުގެ ވެރިންގެ ވާހަކަތަކުން އެނގޭ ގޮތުގައި ގިނަ ބަޔަކު ދަނީ ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ޔުނީފޯމެއް ގަންނަމުންނެވެ. އެގޮތަށް ބާރުބޮޑުވެފައިވާ އިރު ސްޓޮކް ހުސްވާތަން ވެސް އަންނަ ކަމަށާއި އެކަން ބޮޑަށް ދިމާވަނީ ފަހު ވަގުތު ކަންކަންކުރަން ބެލެނިވެރިން ތިބޭތީ ކަމަށާއި ވީހާ ވެސް އަވަހަކަށް އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.