ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމުގެ މަސައްކަތް ދެވަނަ ފަހަރަށް ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ އޮޕަރޭޝަން ތިއޭޓަރު ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވަން ޖެހުނީ އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ކަމަށެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ބޮޑު ކުރުމުގެ މަސައްކަތް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލީ ކުރިން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ބޮޑު ކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި 20،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތު ހަމަވާނީ ބިޑު ހުޅުވާތާ 118 ދުވަސް ފަހުން ކަމަށެވެ. އަދި އެ ބީލަމުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 500 ރުފިޔާ ދައްކަންޖެހޭ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެ ބިޑުގެ ޕްރީބިޑް މީޓިން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 1:00 ގައެވެ. އަދި ބީލަން ހުޅުވާލާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.