07 Jan 2015, 11:57
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްްގައްޔޫމް ހައުސިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލުކުރައްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ހައުސިން މިނިސްޓްރީ ހިންގެވުން ހޯމް މިނިސްޓަރު އުމަރާ ހަވާލުކުރައްވާފައި ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކަމަށެވެ.
ހައުސިން މިނިސްޓްރީ ހިންގެވުން ހޯމް މިނިސްޓަރާ ހަވާލުކުރައްވާފައިވާއިރު ޑިފެންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ވަނީ ހަވާލުކުރައްވާފައެވެ. އަދި ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ވަނީ ހަވާލުކުރައްވާފަ އެވެ.
ޑިފެންސް މިނިސްޓްރީ ހިންގެވުން އަދީބާ ހަވާލު ކުރައްވާފައި ވަނީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުންނެވެ. ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ މިނިސްޓްރީ ހިންގެވުމަށް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވަނީ ވެސް ނާޒިމްއާ އެވެ.
ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވެސް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ އެ މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފްއާ ވަނީ ހަވާލު ކުރައްވާފަ އެވެ.