07 Jan 2015, 11:40
އަލިފާނުގެ ހާދިސާތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ބައެއް ސާމާނުތައް މޯލްޑިވް ގޭސްގެ ފަރާތުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި އެވެ.
އެތަކެތި ހަދިޔާކުރުމަށްފަހު މޯލްޑިވް ގޭހާއި އެމްއެންޑީއެފް ގުޅިގެން އަލިފާން އަލިފާނުގެ ހާދިސާތަކަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ލެމަންގްރާސްގެ ސިޓްރަން ރެސްޓޯރަންޓުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވް ގޭހުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން އެވެ. އެމްއެންޑީއެފްގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު ކާނަލް އިބްރާހިމް ރަޝީދު އެވެ.
މޯލްޑިވް ގޭސްގެ ފަރާތުން މިއަދު ހަދިޔާ ކުރިތަކެތީގެ ތެރޭގައި ފަޔާ އެވެއާނެސް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ "ނުގޮވާ ގޭސްފުޅި" އާއި ގޭސް އުނދުން އަދި އުނދުން ގުޅުމަށް ބޭނުންވާ ރެގިއުލޭޓަރު ފަދަ ސާމާނުތައް ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ފަޔާ ރެސްކިއު ސާވިސްއަކީ އަބަދުވެސް އަލިފާނުގެ ހާދިސާތަކަށް މީހުން ހޭލުންތެރި ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ތަނެއް ކަމަށެވެ. އެގޮތުން އެފަދަ ޕްރޮގްރާމްތައް ހިންގުމުގައި މޯލްޑިވް ގޭސްގެ ފަރާތުން އަބަދުވެސް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށާއި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ޕްރޮގްރާމްތައް ހިންގޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން ވިދާޅުވީ އެ ކުންފުނީގެ މަގްސަދަކީ ހަމައެކަނި ކެއްކުމަށް ބޭނުންވާ ގޭސް ފޯރުކޮށްދިނުން ނޫން ކަމަށާއި ގޭހުން ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް މީހުން ހޭލުންތެރި ކުރުވުމަކީ ވެސް އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ.
"އެފަދަ ހާދިސާތަކުން އާންމުން ސަލާމަތްކުރުމަށް އެ ފަރާތްތައް ހޭލުންތެރި ކުރުވުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ނަމަވެސް އަޅުގަނޑުމެންގެ ކެޕޭސިޓީ ހުންނަގޮތުން މިޖެހެނީ މިކަން މުޅި ރާއްޖޭގައި ކުރެވޭ ފެންވަރުގެ ބަޔަކާ ގުޅިގެން ކުރިއަށް ގެންދަން. އެމްއެންޑީއެފަކީ އެކަމަށް ގާބިލް ބޭފުޅުން ތިއްބެވި ތަނެއް،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ވެސް އެފަދަ ފަރާތްތަކުން ފަޔާ އެވެއާނެސް ޕްރޮގްރާމްތައް ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނަ މިންވަރު މަދުކުރެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފާއި މޯލްޑިވް ގޭސް އިން ވަނީ 2014 ވަނަ އަހަރުވެސް އަލިފާނުގެ ހާދިސާތަކަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގާފަ އެވެ.