ބައެއް ރަށްރަށުގެ ވޯޓް ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް ގިނަވުން، ވޯޓްލާންދާ މީހުން އެ ކެންޑިޑޭޓުން އިހްތިޔާރު ކުރުމަށް އެތައް އިރެއް ނަގާ ކަމަށާއި އޭގެ ސަބަބުން ކިޔޫތައް ދިގުދެމިގެން ގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވިލާ ކޮލެޖްގައި ބަހައްޓާފައި ހުރި ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގެ ވޯޓް ފޮށިތަކުގެ ކައިރީގައި ކިޔޫތައް ދިގުދެމިން ގޮސް، މީހުން ތޮއްޖެހިފައިވާ މައްސަލައާ ގުޅޭ ގޮތުން ގއ. ވިލިނގިލީ ދާއިރާގެ ވޯޓް ފޮއްޓާ ހަވާލުވެގެން ހުންނެވި އިލެކްޝަންސް ކޮމިޝަން އޮފިޝަލަކު ވިދާޅުވީ ބައެއް މީހުން ކެންޑިޑޭޓުން އިހްތިޔާރު ކުރުމަށް އެ ތައް އިރެއް ނަގާ ކަމަށާއި ސަބަބަކަށް ވަނީ އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންތައް ގިނަވުމުން ކަމަށެވެ. އަދި ވޯޓްލުން ބާރު މިނުގައި ކުރިއަށް ނޮގޮސް، ކިޔުގައި ގިނަ ބަޔަކު މަޑުކުރާ ނަމަ މިއަދު ހަވީރު ހަތަރެއްގެ ފަހުގައި ވެސް ވޯޓްލުން ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް އިލެކްޝަންސްގެ އޮފިޝަލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނެފައި ވަނީ މިއަދު ހަތަރެއް ޖެހުމުގެ ކުރިން ކިޔޫގައި ޖެހޭ މީހުން ނުވަތަ ވޯޓްލާން ގޮސްތިބޭ މީހުންނަށް ވޯޓުލެވެންދެން އިންތިހާބު ކުރިއަށް ގެންދާނެ ކަމަށެވެ.