07 Jan 2015, 11:24
ހއ. މުރައިދޫ ކައުންސިލްގެ ބައި- އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި އެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ވަނީ މުރައިދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 12ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔުންތަކާއި ފޯމް ފުރިހަމަކޮށް އެޕާޓީގެ ގައުމީ ސެކްރެޓޭރިއަޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
އިންތިޚާބުގައި ވާދަކުރުމަށް ފުރިހަމަކުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެޕާޓީގެ އޮފީހުން ދޫ ކުރާނެ ކަމަށާއި އަދި އެޕާޓީގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ފޯމް ޑައުންލޯޑު ވެސް ކުރެވޭނެ ކަމަށް އެމްޑީޕީގެ އިއުލާނުގައި ވެއެވެ.
އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން އިންތިޚާބުގައި ވާދަކުރަން އެދޭނަމަ، އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ބޭފުޅެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށާއި ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެހެންނަމަވެސް މުރައިދޫ ކައުންސިލްގެ ބައި- އިލެކްޝަން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.
މުރައިދޫ ކައުންސިލްގެ ގޮނޑި އެއް ހުސްވެފައި މިވަނީ މުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފް އަބްދުލް ހަކީމް ކައުންސިލަރުކަމުން އިސްތިއުފާ ދެއްވުމުން ނެވެ. އޭނާ ވިދާޅުވީ އިސްތިއުފާދެއްވީ މަތީތައުލީމް ހާސިލްކުރުމަށް ބޭނުންވާތީ ކަމަށެވެ.
މުރައިދޫ ކައުންސިލްގައި ތިއްބަވަނީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ދެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރެއްގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރެކެވެ.