ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި ޕޮލިޓީޝަން އިމްރާން ހާން، އޭނާގެ ލޯބިވެރިޔާ، ބީބީސީގެ ކުރީގެ ޕްރެސެންޓާ ރެހަމް ހާންއާ ކައިވެނިކުރި ކަން އޭނާ ކަށަވަރުކޮށްދީފި އެވެ.

ހާން،62، މިދިޔަ ހޯމަ ދުވަހު ހީތުރޯ އެއާޕޯޓްގައި ހުރެ ނޫސްވެެރިންތަކެެއް ކައިރީގައި ބުނީ އޭނާ އަކީ މިހާރު މީހެއްގެ ފިރިއެއް ކަމަށެވެ. އަދި ޕާކިސްތާނަށް ދިޔުމަށް ބޯޓަށް އަރަމުން އޭނާ ނޫސްވެރިއެއްގެ ގާތު ބުނީ އަންގާރަ ދުވަހު އޭނާ ރަނގަޅު ހަބަރެއް ގައުމަށް ދޭނެ ކަމަށެވެ.

ރެހަމް، 41، ތިން ކުދިންގެ މަންމަ، އޭނާގެ މައިން ބަފައިންގެ ގައުމު، ޕާކިސްތާނަށް 2013 ވަނަ އަހަރު ބަދަލުވެ، ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރަން ފެށުމާ ހަމަ އަށް އޭނާ މަސައްކަތް ކުރަމުން އައީ ބީބީސީގެ ވެދާ ޕްރެސެންޓަރެެއްގެ މަގާމުގަ އެވެ.

ހާން އަލުން މީހަކާ އިންނަން އުޅޭކަން މިދިޔަ އޮކްޓޫބަރު މަހު އިއުލާން ކުރީ ހާންގެ ކުރީގެ އަންހެނުން ޖެމީމާ އެވެ. އޭނާ ބުނީ އޭނާގެ "ސާނޭމް" ހާންގެ ނަން އާއިލީ ނަމަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ހާން ކައިވެންޏެއް ކުރަން ބޭނުންވާ ވާހަކަ ބުނުމުން ކަމަށެވެ.

"އަހަރެންގެ ކުރީގެ ފިރިމީހާ އިމްރާން ވަރަށް އަވަހަށް މީހަކާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ވަރަށް ފަހުން ބުނި، އެހާހިސާބުން އަހަރެންނަށް ގަބޫލު ކުރެވުނީ އަހަރެންގެ ނަން އާއިލީ ނަން، ގޯލްޑްސްމިތު އަށް ބަދަލު ކުރަން ވެއްޖެކަން،" އޭނާ ބުންޏެވެ.

އިމްރާނާއި އޭނާގެ ކުރީގެ އަންހެނުން ޖެމައިމާ އިސްލާމީ ސަގާފަތުގެ ތެރެއިން ކައިވެނި ކުރީ 1995 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް އެ މީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އެ މީހުންގެ ކައިވެނި ރޫޅުނީ 2004 ވަނަ އަހަރު އެވެ.

އިމްރާން ސިޔާސީ ދާއިރާ އަށް ނުކުތީ އޭގެ ފަހުންނެވެ. އަދި އެމެރިކާ އިން ޕާކިސްތާނު މަތީން ޑްރޯން އުދުއްސައި ތާލިބާންގެ ކޮމާންޑަރުންނާ ދެކޮޅަށް ހިންގާ ހަރަކާތާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް އޭނާ ފެއްޓި އެވެ.

އިމްރާން ރެހެމްއާ ކައިވެނީގެ ގޮތުން ގުޅޭ ވާހަކަ ފެތުރުމުން ޕާކިސްތާނުގެ އޮންލައިން ސޯޝަލް މީޑިއާގައި ވަނީ ރެހްމް ހެދުން އަޅާ ގޮތާ ބެހި ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އަސް ރޭސް އިވެންޓެއްގައި ކަަކުލާ ހަމަ އަށް އަންނަ ވަރު ކުރު ސުކާޓެއް ލައިގެން ހުރި ހެދުމަކާ އެކު އޭނާ ފޮޓޯ ފޭސްބްކްގައި ފަތުރައިފަ އެވެ.