07 Jan 2015, 10:46
މިހާރު ކުރިއަށްދާ 2014 ވަނަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި، މުބާރާތުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ޕޮލިސް ކްލަބް ސެމީއަށް ދަތުރުކުރި އިރު، ދެވަނަ ޓީމެއްގެ ގޮތުގައި ނައިފަރު ޖުވެނައިލް ސެމީއަށް ދަތުރު ކޮށްފި އެވެ.
އެންމެ ރައުންޑެއް ކުޅެން ހަމަޖެހިފައިވާ އެ މުބާރާތުގައި ޕޮލިސް ކްލަބް އެއްވަނަ ހޯދީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެނެވެ. އެ މުބާރަތުގައި ފުރަތަމަ ކުޅުނު މެޗުގައި އެ ޓީމް ވަނީ ސީދާ ތިން ސެޓުން ނައިފަރު ޖުވެނައިލްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި އެ މުބާރާތުގައި އެ ޓީމް ކުޅުނު ދެވަނަ މެޗުގައި ކްލަބް އިމިގްރޭޝަނާ ބައްދަލުކޮށް، އެ ޓީމްގެ މައްޗަށް ޕޮލިސް ކްލަބުން ކާމިޔާބީ ހޯދީ 3-2 ސެޓުގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކްލަބާ ދެކޮޅަށް ވާދަކުރީ އިފްތިތާހު އިސްދަރިވަރުންގެ ޖަމިއްޔާ އެވެ. އެ މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ފަސޭހަ ކަމާއެކު ޕޮލިހުން 11-25 އަދި 14-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، މެޗުގެ ތިންވަނަ ސެޓު އެ ޓީމް ކާމިޔާބުކުރީ ތަފާތު ބޮޑުކޮށް 6-25 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރިން އެ ޓީމް ކުޅުނު ދެ މެޗުގައިވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ކުއްލާކަން ލިސް އެވެ.
އެ މުބާރާތުގެ އެއްވަނަ ޓީމެއްގެ ގޮތުގައި ޕޮލިހުން މިހާރު ސެމީއަށް ދަތުރުކޮށްފައި ވާއިރު، މިރޭ ކުޅޭ ދެވަނަ ސެމީގައި އެ ޓީމާ ދެކޮޅަށް ވާދަކުރާނީ މުބާރާތުގެ ދެވަނަ ހޯދި ނައިފަރު ޖުވެނައިލް އެވެ. ނައިފަރު ޖުވެނައިލް ވަނީ މިހާތަނަށް މުބާރާތުގައި އެ ޓީމް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފައެވެ.
ނައިފަރު ޖުވެނައިލް ރޭ ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރީ ކްލަބް އިމިގްރޭޝަން އެވެ. އެ މެޗު ނައިފަރު ޖުވެނައިލް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގައި ކްލަބް އިމިގްރޭޝަނުންވެސް ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ މެޗުގެ ސެޓުތައް ނައިފަރު ޖުވެނައިލް ކާމިޔާބުކުރީ 13-25، 15-25 އަދި 17-25 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިފަރު ޖުވެނައިލްގެ ވާސަނާ މަދުމަލީ އެވެ.
މުބާރާތުގެ ދެވަނަ ސެމީން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުވެގެން ދާއިރު، އެ މެޗުން ބަލިވާ ޓީމް ކުޅެން ޖެހޭނީ ފުރަތަމަ ސެމީން މޮޅުވާ ޓީމާއެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މުބާރާތުގެ ތިންވަނަ ހޯދި ކްލަބް އިމިގެރޭޝަނާއި ހަތަރުވަނަ ހޯދި އިފްތިތާހު އިސްދަރިވަރުންގެ ޖަމިއްޔާ އެވެ.
ކްލަބް އިމިގްރޭޝަނުން މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު، އިފްތިތާހު އިސްދަރިވަރުންގެ ޖަމިއްޔާ ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ.