ޓީޗަރުންގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ތައުލީމީ ދާއިރާގައި ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މަގާމްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބުދުލް މުހުސިން މުހައްމަދު މިއަދު 'ސަން'އަށް ވިދާޅުވީ، ޓީޗަރުންގެ އޮނިގަނޑަށް އަންނަ ބަދަލާއެކު މިހާރު ސްކޫލްތަކުގައި ޓީޗަރުން ތިއްބެވި މަގާމުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

"ޕްރިންސިޕަލުން، ޑެޕިއުޓީ ޕްރިންސިޕަލުން، ލީޑިން ޓީޗަރުން މިހެން ގޮސް ހުރިހާ މަގާމްތަކަށް ވެސް ބަދަލުތަކެއް އަންނާނެ އަލަށް އަންނަ މިއޮނިގަނޑުން،" ޑރ. މުހުސިން ވިދާޅުވި އެވެ.

ނަމަވެސް އެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާތީ އިތުރު ތަފްސީލެއް ވިދާޅެއްނުވެ އެވެ.

ލީޑިން ޓީޗަރުންގެ މަގާމް އުވާލާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުހުސިން ވިދާޅުވީ، "ކުރިއަށް އޮތްތަނުގައިވެސް ލީޑިން ޓީޗަރުންވެސް ހަރަކާތްތެރި ވަމުން ދާނެ،" ކަމަށެވެ.

ޓީޗަރުންގެ އޮނިގަނޑު އެކުލަވާލައި ނިމެނީ ކިހާތާކު ތޯ ދެންނެވުމުން މުހުސިން ވިދާޅުވީ، "ވަރަށް އަވަހަށް ނިންމާލެވޭނެ" ކަމަށާއި މިހާރު އެ އޮނިގަނޑުގައި "އޭ، ބީ، ސީ އޮޕަޝަން" ހުރުމުން އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ޓީޗަރުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ރޭ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާއަކީ ގިނަ ކަންތައްތަކެއް ހައްލުކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ޓީޗަރުންގެ މުސާރައިގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީންނާއި ޓީޗަރުންގެ އެސޯސިއޭޝަނުން ބޮޑެތި ދިރާސާތަކެއް ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.