07 Jan 2015, 10:37
ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ މުދާ އަރުވައިގެން ދަތުރުކުރި ޓެކްސީއެެއް ބަލައި ފާސްކޮށް އޭގައިވާ މުދަލާއި ފައިސާއާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 27 އަހަރު ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ އަކީ ދިވެއްސެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިތުރަށް އޮފިޝަލް ވިދާޅުވީ އެ މީހާ ފުލުހުން ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ 11:40 ހާއިރު ކަމަށެވެ. އަދި އެ މީހާ ފުލުހުން ހައްޔަރުކުރީ ކަރާ މާރުކޭޓު ސަރަހައްދުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ އެ މީހާ އިން ކާރުން ފެނުނު ބައެއް ސާމާނުތަކުގައާއި އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ އަތުން ފެނުނު ފައިސާގައި ލޭ ކަމަށް ބެލެވޭ އެއްޗެއް ހޭކިފައި ހުރުމުން، ފުލުހުން އެކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 27 އަހަރުގެ މީހާ އަކީ 102 ފަހަރު މަތިން ހުއްޓުވައި ބަލައި ފާސްކޮށް 31 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނުވަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ނުވަ މައްސަލައެއްގައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ މީގެ ކުރިން އޭނާގެ މައްޗަށް ޙުކުމް ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ވަގަށް ނަގާފައިވާ ތަކެތި ވިއްކުމާއި ކުޑަކުދިންނާ ގަދަކަމުން ބަދުއަޚުލާގީ ޢަމަލު ހިންގުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުގީގު ކުރަމުންނެވެ.