މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސް ކޮޅަކާ އެކު ޒުވާނަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ 16:50 ހާއިރު މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން އައިޓަމްސް ފިހާރަ ކައިރިން ކަމަށް ފުލުހުން ބުންޏެވެ.

އެމީހާއަކީ މީގެ ކުރިން ތަފާތު އެކި ކަންކަމާ ގުޅިގެން 34 ފަހަރު ހުއްޓުވައި ސުވާލުކޮށް 12 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަށް ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެމީހާއަކީ ވައްކަމާއި ފޭރުމުގެ ގިނަ އަދަދެއްގެ މައްސަލަތަކާއި މާރާމާރީ މައްސަލަތަކުގެ އިތުރުން ކުޑަކުއްޖަކާ އެކު ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގި މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.