ސޯޝަލް މީޑިއާއަށް ދޫކޮށްލަން ބޭނުންވަނީ ސަޅި ފޮޓޯއެކެވެ. ރައްޓެހިން "ހަބޭސް" އޭ ބުނާ ވަރުގެ ނަލަ ފޮޓޯއެކެވެ. އެ ފޮޓޯއެއް ފެނުމުން ހިތްކިޔާ ކަހަލަ "އަރާމު" ފޮޓޯއެކެވެ. ފިސާރި ވަރަކަށް އެޑިޓްކޮށް، ކޫރުމެއް އަދި ރުލެއް ވެސް ނެތް ވަރުގެ ފޮޓޯއެކެވެ. "މަވެތި" މީހާގެ އެ ނޫން ވައްތަރަކަށް ހުރި ފޮޓޯއެއް ރައްޓެއްސަކު ސޯޝަލް މީޑިއާގައި އާންމުކޮށްފި ނަމަ "ރަތަށް" އަރާނެ އެވެ. ހިތާހިތުން "ޗުކުޗުކު" ތެޅުވޭނެ އެވެ. ގަދަމަކުން ނަމަވެސް އެ ފޮޓޯއެއް ސޯޝަލް މީޑިއާއިން ނަގުވާނެ އެވެ.

ނަމަވެސް ހަމައިސްކޮޅަށް ތެދުނުވެވޭ މީހަކަށް އެ ހައްގުގެ ދިފާއުގައި ނުކުމެވޭނެ ހެއްޔެވެ؟ އަޅާލާނެ ޔާރެއް ނެތް ޔަތީމަކަށް އެކަން ކުރުމުގެ ހިތްވަރު ލިބިދާނެ ހެއްޔެވެ؟ ހިއްސުތައް ފުރިހަމަ ނުވާ ނުކުޅެދުންތެރިއަކަށް އެކަމުގައި ބަސް ބުނެވޭނެ ހެއްޔެވެ؟ ތުއްތު ދަރިފުޅަށް އަމުދުން އެކަމެއް ނުކުރެވޭނެ އެވެ. ނަމަވެސް އެފަދަ އިންސީންނަށް ސޯޝަލް މީޑިއާގައި ހަދަނީ، ހަދާނެ އެއްޗެކެވެ.

އެހީއަށް އެދި ގޮވާ މީހުންނަށް މަދަދު ހޯދައިދޭން ސޯޝަލް މީޑިއާއަށް ދޫކޮށްލެވެނީ ރަނގަޅު ފޮޓޯތަކެއް ނޫނެވެ. ނުކުޅެދޭ މީހުންނާއި ތުއްތު ކުދިންނާއި އެނދުމަތިވެފައިވާ މީހުންގެ ފޮޓޯތައް ގިނަފަހަރު ދޫކޮށްލެވެނީ ވިޔާނުދާ ކޮށެވެ. މުޅިން ގޯސް ކޮށެވެ. އެކަން ކުރާ ބައެއްގެ ނިޔަތް ކިތަންމެހާ ވެސް ރަނގަޅެކެވެ. ނަމަވެސް މިއަދު ދޫކޮށްލެވޭ އެފަދަ މަންޒަރަކުން މާދަމާ އެ މީހުންގެ މަންޒަރު ފުސް ވެދާނެ އެވެ. ބައެއްގެ ފުރައްސާރައާހުރެ އަވަދި ވެދާނެ އެވެ.

މިފަހުގެ ތާރީހެއްގައި އަންހެނަކު ކައިވެނިން ބޭރުން ވިހެވުމަށް ފަހު، އޭނާ ވިހެއި ދަރިފުޅު ބަލާނެ އާއިލާއެއް ހޯދަން ސޯޝަލް މީޑިއާގައި އާންމު ކުރި މައްސަލަ މީޑިއާތަކުން ރިޕޯޓް ކުރި ހިސާބުން އެ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފެށި އެވެ. އެ ކުއްޖާގެ ފޮޓޯއާ އެކު އެ ކުއްޖާ ބޭނުން ބަޔަކަށް ދިނުމަށް ފޭސްބުކްގައި އިޢުލާން ކުރީ އެ ތުއްތު ކުއްޖާގެ މަންމަ އާއި އޭނާގެ އާއިލާގެ ނިކަމެތި ކަން ހުރި ގޮތުން އެ ކުއްޖާ ބެލޭނެ ގޮތެއް ނެތިގެންނެވެ. އަދި އެ އިއުލާން ފޭސްބުކްގައި ޖަހައިދިން މީހާ ވެސް އެކަން ކުރީ "ހެޔޮ ނިޔަތެއްގަ"އެވެ. އެއްވެސް ހާލެއްގައި އެ ކުއްޖާގެ ހައްގަކަށް ނުވަތަ ކަރާމާތަކަށް އަރައިގަތުމުގެ ނިޔަތުގައެއް ނޫނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިނާއި އުފަންވާއިރު ހުންނަ ކަމެއްގެ ސަބަބުން ފުރާނަ ސަލާމަތް ކުރަން ޖެހޭ ކުޑަކުދިންނަށް ފައިސާ ހޯދުމަށް އެ ކުދިންގެ "އެކަށީގެން ނުވާ" ފޮޓޯ އާއި މައުލޫމާތު އާއްމުކުރަމުން ގެންދާ މައްސަލަތައް މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އަދި އެކިއެކި ޖިންސީ މައްސަލަތަކާ ގުޅިގެން ކުޑަ ކުދިންގެ ހަބަރުތައް ބައެއް މީޑިއާތަކުން ގެނެސްދޭއިރު ވެސް އެ ކުދިންގެ ކަރާމާތަށް އަރައިގަނެވޭ ފަދަ މިންވަރަކަށް އެ މައުލޫމާތު ގެނެސްދެވޭ ހާލަތްތައް ވެސް މަދެއް ނޫނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ އެމްބެސަޑަރު އަހުމަދު ހިޝާން ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީ ހޯދުމަށާއި އެ ނޫން ވެސް ކަންކަމުގައި އެ ކުދިންގެ ފޮޓޯ އާއި ނަން އާއްމު ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެފަދަ ކަންކަން ކުރާ އުސޫލާ އެއްގޮތަށް އެކަންތައް ކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

"ގިނަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ފޮޓޯ އާއި މައުލޫމާތު މައިންބަފައިން އާއްމުކުރަނީ އެމީހުންނަށް ދިމާވެފައިވާ މަޖުބޫރީ ހާލެއްގެ ސަބަބުން. ނަމަވެސް އެފަަދަ ކަންކަން ކުރަންވާނީ އިސްލާމީ ރިވެހި އުސޫލުގެ ތެރެއިން އެކުދިންގެ ކަރާމާތް ނުގެއްލޭ ފަދަ ގޮތަކަށް،" ހިޝާން ވިދާޅުވި އެވެ.

ހިޝާން ވިދާޅުވި ގޮތުގައި އެހީއަށް އެދި އެފަދަ ކުދިންގެ ފޮޓޯ ޖެހުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އެ ކުދިންގެ ފޮޓޯ ޖަހާއިރު އެ ކުދިންގެ ފޮރުވިފައި ހުންނަން ޖެހޭ ގުނަވަންތައް ނުފެންނަ ގޮތަކަށް އެފަދަ ފޮޓޯތައް ޖެހިދާނެ އެވެ. އަދި އެ ކުދިންގެ ހާލަތަކީ ބަޔަކަށް ދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށާއި ދުލުހުން ބުނެދީގެން ވެސް އެ ހާލަތު ބަޔާން ކޮށްދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިވެވޭނެ ގޮތެއް ރާއްޖޭގައި މިހާރު އަމަލު ކުރަމުން ގެންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަދާފައިވާ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޮޑެތި ބަދަލުތަކަކާ އެކު އެ ގާނޫނު އަލުން އިސްލާހު ކުރުމުގެ މަސައްކަތް ލޯ އެންޑް ޖެންޑާ މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ކަރާމާތް ގެއްލޭ ފަދަ ގޮތަކަށް އަމަލުކުރާ ކޮންމެ ފަހަރަކު އެ ބެލެނިވެރިޔަކަށް ނުވަތަ އެ ބަޔަކަށް ގުޅައިގެން އެކަން ނުކުރުމަށް ނުވަތަ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ދަތި ކަމެކެވެ. ނަމަވެސް އަލަށް އެކުލަވައިލާ ގާނޫނު ވުޖޫދަށް އައުމުން އެ ކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ނިޒާމެއް ގާއިމް ވެގެން ދާނެކަމަށް ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ، ގިނަ ފަހަރު ބައެއް އާއިލާތަކުން ކުޑަކުދިންނަށް އެހީތެރިކަން ހޯދުމަށް ކުޑަކުދިންގެ މައުލޫމާތާއި އެކަށީގެންނުވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމު ކުރަނީ މަޖުބޫރީ ހާލަތެއްގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެފަަދަ ކަންކަން ކުރާއިރު އެ ކުދިންގެ ހައްގުތައް ނުގެއްލޭނެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ މުޅި މުޖުތަމައުގެ އެންމެންގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ކުޑަކުދިންގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ފަންޑް ރެއިޒް ކުރުމުގެ ހަރަކާތްތައް ވެސް އެބަ ހިންގާ. އޭގައި މާބޮޑު މައްސަލަތަކެއް ނެތް. ނަމަވެސް ބައެއް ހާލަތްތަކުގައި އެ ކުދިންގެ ފޮޓޯ ސޯޝަލް މީޑިއާތަކުގައާއި މީޑިއާތަކުގައި ޖެހުމުގެ ސަބަބުން އެ ކުދިން ވަރަށް ބޮޑަށް އެބަ 'ވިކްޓިމައިޒް'ވޭ. އެ ކުދިންގެ ކަރާމާތަށް ހައްގުތަކަށް އެބަ އަރައިގަނެވޭ. މިސާލަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އެކަށީގެން ނުވާ ފޮޓޯ އެބަޖަހާ،" ޝިދާތާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ކަރާމާތް ގެއްލޭ ފަދަ ފޮޓޯތަކާއި މައުލޫމާތުތައް ޝޯސަލް މީޑިއާތަކުގައި ދައުރު ކުރަމުންދާލެއް ކުރިއާ އަޅާބަލާއިރު އެތައް ގުނަ އެއް މިހާރު ވަނީ އިތުރުވެފަ އެވެ. ގިނަ ބެލެނިވެރިން އަމަލު ކުރަނީ ގޮތް ހުސްވެގެންނެވެ. އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގެ ބޭނުމުގަ އެވެ. އެހެން ނަމަވެސް އެކުދިންގެ ހައްގުގައި ބެލެނިވެރިން މަސައްކަތް ކުރާއިރު ވެސް އަދި ބެލެނިވެރިންގެ މަސައްކަތަށް އެހީތެެރިވުމުގެ ނިޔަތުގައި މަސައްކަތް ކުރާ ފަރާތަކުން ވެސް ކުޑަކުދިންގެ ކަރާމާތް ގެއްލޭ ފަދަ އަމަލްތައް އެކުދިންގެ ހައްގުގައި ހުއްޓާލަން ޖެހެ އެވެ.