07 Jan 2015, 09:47
ސްރީލަންކާގައި މާދަމާ ބާއްވާ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކޮމާންޑޯ (ހާއްސަ ތަމްރީނުތަކެއް ދީފައިވާ ސިފައިން) އިން ނެރެފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
އިންތިހާބުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށް ލަންކާ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފުލުހުން ވެސް ނެރެފަ އެވެ.
ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު އަޖިތު ރޯހާނާ ވިދާޅުވި ކަމަށް އަރަބް ނިއުސް ބުނީ އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ޖުމްލަ 65000 ފުލުހުން ނެރެފައިވާ ކަމަށެވެ.
"... އަހަރެމެން އެމީހުން ނެރެފައި ވާނީ އިންތިހާބުގެ ކަންކަމަށް ހުރަސް އަޅަން މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް އެކަށީގެންވާ ބާރު ބޭނުން ކުރުމުގެ އަމުރާ އެކު،" ރޯހާނާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އިންތިހާބާ ގުޅިގެން ހިނގާ ހަމަނުޖެހުންތައް ބަލާ ޖަމާއަތެއް ކަމަށްވާ ސެންޓަ ފޯ މޮނިޓަރިން އިލެކްޝަން ވަޔަލެންސް (ސީއެމްއީވީ) އިން ތުހުމަތު ކޮށްފައި ވަނީ ވެރިކަން ކުރާ ޕާޓީން އިންތިހާބާ ބެހޭ ގާނޫނާ ހިލާފުވަމުންދާ ކަމަށެވެ. އަދި އިދިކޮޅު ޕާޓީތަކުގެ އޮފީސްތަކަށް ހަމަލާ ދެމުން އަންނަ ކަމަށް ވެސް އެޖަމާއަތުން ބުނެފައިވެ އެވެ. އެޖަމާއަތުން ބުނެފައި ވަނީ އިންތިހާބު އިއުލާން ކުރި ފަހުން މިހާތަނަށް އެފަދަ 420 ހާދިސާ ހިނގާފައިވާ ކަމަށެވެ. އެގޮތުން ހިނގި ގިނަ ހާދިސާތައް ހިނގާފައި ވަނީ އަހުލީ ހަނގުރާމައިގައި އެންމެ ބޮޑު ލޭ އޮހޮރުވުމެއް ހިނގި ރަށް ކަމަށްވާ ޖަފްނާގައި ކަމަށް ވެސް ސީއެމްވީ އިން ވަނީ ބުނެފަ އެވެ.