07 Jan 2015, 09:37
ތެލަށް އަންނަ ކޮންމެ ބަދަލެއް ދިވެހިންގެ ދިރިއުޅުމަށް އާދެ އެވެ. ކެއިން ބުއިމުން ފެށިގެން ގޮސް ދަތުރުފަތުރާއި ހިތް އުފާކޮށްލަން ކުރާ ހަރަދުތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މިކަން އެހެން އޮއްވައި މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން މުޅިން ވެސް ހަބަރުތަކުން ފެންނަނީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ހެޔޮވަމުން އަންނަ ވާހަކަ އެވެ. އަދި އެއީ މީގެ ފަސް އަހަރު ކުރިން، ދުވަހަކު ވެސް ދަށަށް ނުދާ ވަރަށް ތެލުގެ އަގު ދަށްވި ވާހަކަ އެވެ. އެންމެންގެ އިންތިޒާރަކީ ތެލުގެ އަގަށް އައި ހެޔޮ ބަދަލު ހިދުމަތްތަކުގެ އަގުން ވެސް އައުމެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކަށް ލިބޭފަދަ އެދެވޭ އަސަރު ދިވެހިންނަށް ކުރޭބާ އެވެ؟
މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތަފާތު ސަބަބުތަކާ ހެދި ތެލުގެ އަގު އައީ ހެޔޮވަމުންނެވެ. އެންމެ ފަހުގެ އަގުތަކަށް ބަލާއިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރަށް ވުރެ ދަށަށް ވަނީ ވެއްޓިފަ އެވެ. މިއީ ތެލުގެ އަގު 2009 ވަނަ އަހަރަށް ފަހު މި ވަރަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި އަހަރު ފެށުނު އިރު ދުނިޔޭގެ ބާޒާރުގައި 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 50 ޑޮލަރުގަ އެވެ. މިހާ ބޮޑު ބަދަލެއް އައިއިރު ރާއްޖޭގެ ބާޒާރުގައި މި ވަރު ބޮޑު ބަދަލެއް އަންނަތަނެއް ނުފެ އެވެ.
ދުނިޔޭގެ ބާޒާރަށް ބަލާއިރު ތެލުގެ އަގު ދަށްވާއިރު ރާއްޖެއަށް އެބަދަލު އަންނަ މިންވަރު ކުޑަ އެވެ. ބަދަލު އަންނަތަން ވެސް ފެންނަނީ މަދުންނެވެ. ބަދަލެއް އަޔަސް އަންނަނީ އެއް ރުފިޔާ ލާރިކޮޅަކުންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ދަށަށް ގޮސްފައިވާއިރު ރާއްޖޭގައި ތެޔޮ އަގުހެޔޮ ކުރި ދެ ފަހަރު ވެސް އަގުހެޔޮކޮށްފައި ވަނީ މި ބުނާ މަގުންނެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ހެޔޮ ކުރީ 1.25 ރުފިޔާ އެވެ. ދެން އެންމެ ފަހުން އަގުހެޔޮކުރި ފަހަރު ކަމަށްވާ މިދިޔަ ޑިސެމްބަރު މަހު 16 ވަނަ ދުވަހު ތެޔޮ ލީޓަރެއް އަގުހެޔޮކޮށްފައި ވަނީ އެއް ރުފިޔާ އެވެ. ޑީސަލް ލީޓަރަކުން އަގު ހެޔޮކޮށްފައި ވަނީ އެންމެ 75 ލާރިއެވެ.
ތެލުގެ އަގާ ގުޅޭ ގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މޭނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ތެލުގެ އަގަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާ އެކު ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ތެޔޮ އަގު ހެޔޮކޮށް ލިބޭ ވަރަކަށް ދިވެހި ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެސްޓީއޯ އިން ތެލާއި ޑީސަލްގެ އަގު ހެޔޮ ކުރި ނަމަވެސް ދުނިޔޭގެ ބާޒާރަށް އަންނަ ފަދަ ބޮޑު ހެޔޮ ބަދަލެއް ނާންނަނީ ކީއްވެގެންތޯ ސުވާލުކުރުމުން އާޒިމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަން ދަށަށް ދަނީ ސާފު ނުކުރާ ތެޔޮ ކަމަށާއި އެސްޓީއޯ އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަނީ ސާފުކުރި ތެޔޮ ކަމަށެވެ.
"އެސްޓީއޯ އިން ހިންގަން ދަތިނުވާނެ މިންވަރަށް ބަލައި ތެލުގެ އަގު ކުރިއަށް އޮތްތަނުގައިވެސް ހެޔޮކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.
ތެލުގެ އަގު މިހާރަށް ވުރެ ބޮޑުތަން ހެޔޮވުމަކީ އެކަން ކުރެވެން އޮތް އަދި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއީ ދިވެހިންގެ އެތައް އަސާސީ ބޭނުމަކާއި ގުޅިލާމެހިފައިވާ ކަމަކަށްވުމުންނެވެ. މަސްވެރިން ވިއްކާ މަހުން ފެށިގެން ފިހާރަތަކުން ވިއްކަން ހުންނަ ކިއްލީގެ އަގަށް ވެސް ހެޔޮ ބަދަލެއް ގެނެވެން އޮތީ ތެލަށް ހެޔޮ ބަދަލެއް އައިސްގެންނެވެ. މި ހިސާބުން އެހެން ސުވާލެއް އެބަ އޮތެވެ. އެއީ ތެލަށް އަންނަ ބަދަލާ އެކު އެހެނިހެން އަސާސީ ހިދުމަތްތަކަށް ބަދަލު އާދޭތޯ އެވެ.
އަސާސީ އެންމެ މުހިންމު އެއް ހިދުމަތް ކަމަށްވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯގެ އެސިސްޓެންޓު ޑިރެކްޓަރު އަބްދުﷲ ނާޒިރު ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް ޑީސަލާއި ތެޔޮ ފޯރުކޮށްދެނީ އެސްޓީއޯއިން ނެވެ. އެސްޓީއޯ އިން ތެލާއި ޑީސަލްގެ އަގު ހެޔޮ ކުރުމުން އެކުންފުނިން ދޭ ކަރަންޓުގެ އަގު ހެޔޮ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯ އިން ތެލާއި ޑީސަލްގެ އަގު ހެޔޮ ކޮށްލާ ކޮންމެ ފަހަރަކު ރާސްލާފައި [ކަރަންޓުގެ އަގު] އަގުހެޔޮވެގެންދާނެ. ޑީސަލް އަގު ހެޔޮވަމުން އަންނައިރު ބިލްތަކަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ،" ނާޒިރު ވިދާޅުވި އެވެ.
ޑީސަލަށް އަންނަ ބަދަލާ އެކު އެސްޓީއޯ އިން ދޭ ކަރަންޓުގެ އަގަށް ބަދަލު އާދެ އެވެ. އެގޮތުން ކަރަންޓު ބިލުގައި ފިއުލް ޗާޖް ނަގަނީ ޑީސަލް ލީޓަރެއްގެ އަގު 8 ރުފިޔާ މަތިވާ ކޮންމެ 10 ލާރިއަކުން ތިން ލާރި އާންމު މީހާ ދައްކަންޖެހޭ ގޮތަށެވެ.
ދެން އޮތީ ދަތުރުފަތުރުގެ ބައެވެ. މިއަހަރު ފެށުނީއްސުރެ އެމްއޭސީއެލުން ވަނީ ފްލައިޓުތަކަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން ބައިނަލް އަގުވާމީ ފްލައިޓުތަކަށް ތެޔޮ ލީޓަރެއް 13.26 ރުފިޔާއަށް މިހާރު ވިއްކާއިރު އެތެރޭގެ އުދުހުންތަކަށް ފްލައިޓަށް އަޅާ ތެޔޮ ލީޓަރެއް ވިއްކަނީ 13.02 ރުފިޔާއަށެވެ. މިއީ ފަހުގެ ތާރީހެއްގައި ޖެޓް ފިއުލްގެ އަގު ވެސް އެހާ ބޮޑުތަން ހެޔޮވެގެންދިޔަ ފުރަތަމަ ފަހަރެވެ. މިއާއެކު ފްލައިޓު ޓިކެޓުތަކުގެ އަގުގައި ހިމަނާފައިވާ "ފިއުލް ސާޗާޖަށް" ހެޔޮ ބަދަލެއް އަންނާނެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއާލައިނެއްގެ ބަހެއް ވަނީ ލިބޭގޮތްނުވެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ހެޔޮ ބަދަލު ރާއްޖޭގެ ބާޒާރުގައި ވެސް އަންނަތަން ފެނެ އެވެ. ނަމަވެސް އެއީ ކުޑަ ލާރިކޮޅެއްގެ ބަދަލެކެވެ. ހިތާމައަކީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލާއެކު ބޮޑުތަން އަގު ބޮޑުވާއިރު އެމިންވަރަށް ހެޔޮ ނުވާތީ އެވެ. ހިދުމަތްތަކުގެ އަގުން މިކަން ބޮޑަށް ފާހަގަނުވަނީ މިހެންވެ އެވެ.