07 Jan 2015, 09:35
ރިޔާޟް (ޖަނަވަރީ 7) : ސައޫދީ އަރަބިޔާގެ ގައުމީ އެއްބައިވަންތަކަމާއި ވަޙްދަތު ނަގާލުމަށް "ޓެރަރިސްޓުން" މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެމީހުންނަށް އެއްވެސް ފުރްސަތެއް ނުދެއްވާނެ ކަމަށް އެގައުމުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.
ސައޫދީ އަރަބިޔާގެ ޝޫރާ މަޖިލީހުގެ އައު ދައުރެއް އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާއަށް ފޮނުއްވި ޚިތާބެއްގައި އަބްދުﷲ ވިދާޅުވެފައި ވަނީ ސައޫދީ އަރަބިޔާގެ އެތެރޭގައި ހަމަނުޖެހުން އުފައްދައިގެން އެގައުމުގެ ގައުމީ ވަޙްދަތު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ފަހަތުގައި ބޭރުގެ ޣަދަރުވެރި އަތްތަކެއް ވާކަމުގަ އެވެ. ނަމަވެސް ބޭރުގެ ޣަދަރުވެރި ފަރާތްތަކަކީ ކޮން ފަރާތަކެއްކަން އަބްދުﷲ ހާމަކުރައްވާފައެއް ނުވެ އެވެ.
އަބްދުﷲ ވިދާޅުވެފައި ވަނީ "ޓެރަރިސްޓުން" ނަށް އެއްވެސް ފުރްސަތެއް ނުދެއްވާނެ ކަމަށާއި އެމީހުން "ޝައިތާނީ" ރޭވުންތައް ކާމިޔާބުވިޔަ ނުދިނުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރައްވާނެ ކަމުގަ އެވެ. ސައޫދީ ރަސްގެފާނުގެ މި ޚިތާބު ޝޫރާ މަޖިލީހުގެ މެންބަރުންނަށް އިއްވަވައި ދެއްވީ އެގައުމުގެ ވަލީއުލްއަހްދު ސަލްމާން ބިން އަބްދުލްއަޒީޒެވެ.
ނިޔުމޯނިޔާގެ އާލާސްކަންފުޅަކަށް ފަރުވާދިނުމަށް ޓަކައި ސައޫދީ ރަސްގެފާނު އަބްދުﷲ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާތާ ހައެއްކަ ދުވަސް ވެފައިވެ އެވެ. އޭނާގެ ޙާލުކޮޅު ރަނގަނޅުވަމުން އަންނަކަން ސައޫދީ މަސްއޫލުވެރިން ހާމަކުރެއްވި ނަމަވެސް ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވާނެ ދުވަހެއް އިޢްލާންކޮށްފައެއް ނުވެ އެވެ. އުމުރުން 90 އަހަރުގެ އަބްދުﷲ ގެ ޙާލުކޮޅު ސީރިޔަސް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އިރާގާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ފަހަތުގައި ވާހަކަމުގެ ތުހުމަތު ސައޫދީ ސަރުކާރުގެ މައްޗަށް ކުރެވިފައިވެ އެވެ. އަދި މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ އެގައުމުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުގައި ވެސް ފަރުދާގެ އަނެއްފަރާތުން ސައޫދީން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށް މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތު ކޮށްފައިވެ އެވެ.
ސައޫދީ އަރަބިޔާގެ އުތުރުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ މަރުކަޒަކަށް މިދިޔަ ހޯމަދުވަހު ހަތިޔާރުއެޅި ބަޔަކު ދިން ޙަމަލާތަކެއްގައި ސައޫދީ ސަރަހައްދީ ރޮނގުގެ ގާޑުންގެ އިސް ކޮމާންޑަރަކު އަވަހާރަ ވެފައިވާއިރު މިއީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ސައޫދީ ސަރުކާރުން ސިފަކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)