ކޮލަންބޯ (ޖަނަވަރީ 7) : މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކޮށްނިމިފައިވާ ކަމަށް ސްރީލަންކާގެ އިންތިޚާބުތަކާބެހޭ ޑިޕާޓްމަންޓުން ބުނެފި އެވެ.

އެޑިޕާޓްމަންޓްގެ ވެރިޔާ އަދި ސްރީލަންކާގެ އިލެކްޝަން ކޮމިޝަނަރު މަހިންދަ ދިޝާޕްރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމި ވޯޓުފޮށިތައް ވެސް އިންތިޚާބުތަކާ ބެހޭ މަރުކަޒުތަކަށް ފޮނުވަން ފަށާފައިވާ ކަމުގައެވެ. ނަމަވެސް ދުރުތަންތަނުގައި ބަހައްޓާ ފޮށިތައް އެތަންތަނަށް ފޯރާނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ސްރީލަންކާގެ އިންތިޚާބުތަކާ ބެހޭ އެހެން މަސްއޫލުވެރިއަކު ވިދާޅުވި އެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ކޭންޕޭންވެސް މިއަދު ނިންމާލާނެއެވެ. ކޭންޕޭންގެ އެންމެފަހުގެ އެއްވުންތައް ކުރިޔަށްދާއިރު ބައެއް ސަރަހައްދުތަކުގައި އޮއްގާއުކުމާއި ބަޑީގެ ޙާދިސާތައް ވެސް ހިނގާފައިވެ އެވެ. މިފަދަ ހަމަލާތައް އަމާޒުވެފައި ވަނީ އިދިކޮޅު ކެންޑިޑޭޓް މައިތިރިޕަލަ ސިރިސޭނާގެ ކޭންޕޭން އެއްވުންތަކަށް ކަމުން ސިރިސޭނާގެ ބައެއް ސަޕޯޓަރުން މިފަދަ ޙަމަލާތަކުގައި ޒަޚަމްވެފައިވެ އެވެ.

މިފަދަ ޙަމަލާތަކަކީ ރައީސް މަހިންދަ ރާޖަޕަކްސްގެ ކޭންޕޭން ޓީމުން ރާވައިގެން ހިންގާ ޖަރީމާތަކެއް ކަމަށް ސިރިސޭނާގެ އެހީތެރިން ތުހުމަތުކުރާއިރު، ސިރިސޭނާ ވަނީ އޭނާ އަށާއި އޭނާގެ އާއިލާއަށް ޙިމާޔަތް ނެތްކަމުގެ ޝަކުވާ ކުރައްވާފަ އެވެ. ނަމަވެސް ސްރީލަންކާގެ ފުލުހުން ވަނީ ސިރިސޭނާ އާއި އޭނާގެ އާއިލާއަށް ފުލުހުންގެ ފަރާތުން ހިމާޔަތް ދެމުންގެންދާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފުލުހުން ވެސް ވަނީ ރިޔާސީ އިންތިޚާބަށް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ވެސް އަޅައި ނިމިފައިވާކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެގައުމުގެ ގަޑިން ހަތެއް ޖަހާއިރު އެވެ. ވޯޓުލުން ކުރިޔަށްދާނީ އަދި ހަވީރު ހަތަރެއް ޖަހަންދެނެވެ. ނަމަވެސް ކިޔޫގައި މީހުން ތިބޭ ނަމަ ކިޔޫ ނިމެންދެން އިތުރު ވަގުތުދޭނެކަމަށް އިންތިޚާބާ ބެހޭ މަސްއޫލުވެރިން ވިދާޅުވެ އެވެ. ވޯޓުލާ ހުރިހާ މީހުންގެ ވޯޓުވެސް ސިއްރުވާނެކަން އިންތިޚާބުތަކާ ޑިޕާޓްމަންޓުން ކަށަވަރު ކޮށްދީފައިވެ އެވެ.

ސްރީލަންކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރުމުގެ ފުރްސަތު ބޮޑީ އިދިކޮޅު ލީޑަރު ސިރިސޭނާ އަށް ކަމަށް އޮބަޒާވަރުން ބުނެ އެވެ. ނަމަވެސް ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަން ކަށަވަރުވާ ކަމަށް ވިދާޅުވެފަ އެވެ. (ރޮއިޓާސް)