06 Jan 2015, 23:00
ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކުރުމަށް ގައުމީ ޓީމުގެ ކުޅުންތެރިއަކު ހޭދަ ކުރާ މުއްދަތަކީ މުސާރަ އާއި ޗުއްޓީން ކެނޑިގެން ނުވާނެ ދުވަސްތަކެއް ކަމަށް ހަމަޖެއްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ވިދާޅުވީ ކުޅިވަރެއް ކުޅޭ ކުޅުންތެރިއަކު ގައުމީ ޓީމެއްގެ ސްކޮޑަށް ހިމެނޭ ހިސާބުން އެ ކުޅުންތެރިއަކު ވަޒީފާއަދާކުރާތަނުން ވީއްލުމަކީ އެހާ ފަސޭހައިން ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށެވެ. މިހާރު ޑްރާފްޓު ކުރެވެމުންދާ ކުޅިވަރާ ބެހޭ ގާނޫނުގެ ތެރެއިން އެ ކަމަށް ހައްލުތަކެއް ހޯއްދަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ގައުމީ ޓީމުތަކުގެ ކުޅުންތެރިން ގައުމު ތަމްސީލް ކުރުމަށް ހޭދަ ކުރާ މުއްދަތަކީ މުސާރަ އާއި ޗުއްޓީ އުނިކޮށްގެންވާނެ ދުވަސްތަކެއް ނޫން ގޮތުގައި ހަމަޖެއްސުމަށް ސިވިލް ސާވިސްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"ގައުމީ ޓީމަށް ހޮވޭ ހިސާބުން، ނުވަތަ ގައުމީ ޓީމެއް މުބާރާތެއްގައި ބައިވެރިވާ ހިސާބުން އެ ޓީމުގެ ކުޅުންތެރިން ވީއްލުމުގެ ކަންތައްތައް އެއީ އެހާ ފަސޭހަކޮށް ހަމަޖެހިފައިވާ ކަމެއް ނޫން. ކުޅިވަރާ ބެހޭ ގާނޫނެއް މިހާރު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އޭގެ ތެރެއިން މި މައްސަލައަށް އަޅުގަނޑުމެން ހައްލެއް ހޯދާނަން. އަދި އިރާދަކުރެއްވިއްޔާ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ސިވިލް ސާވިސަށް އަންނަ އިސްލާހުތަކުގެ ތެރޭގައި ވެސް އަޅުގަނޑުމެން މިކަން ހިމެނޭތޯ ބަލާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ދަރުބާރުގޭގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުން ރައީސް ޔާމީން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި ވާއިރު، އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ގައުމު ބިނާ ކުރުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާ ކުރާކަން ފާހަގަ ކުރައްވާފަ އެވެ. އަދި ކުޅިވަރު ކުޅުމަކީ މުޖުތަމައުއަށް ދިމާވެފައިވާ އެކިއެކި ބަލިމަޑުކަމުން ސަލާމަތްވާން އެހީތެރިވެދޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޝައްކެއްވެސް ނެތް ގޮތުގައި ކުޅިވަރުގައި ކުރިއަށްދާ މީހުންނަކީ، އަދި ކުޅިވަރުގެ އުސްމިންތަކާ ހަމައަށް ދަތުރުކުރާ މީހުންނަކީ މަސްތުވާ ތަކެތި ފަދަ މުޖުތަމައުއަށް ދިމާވެފައިވާ ބަލިމަޑު ކަމުން ސަލާމަތް ވެފައިވާ ބަޔަކަށް ވާނެ. އެހެން ކަމުން ކުޅިވަރުން އަޅުގަނޑުމެނަށް ނަގައިދޭ ފިލާވަޅުތަކުގެ ތެރޭގައި ގައުމު ބިނާ ކުރުމަށް ބޭނުންވާ އެއްބައިވަންތަ ކަމުގެ ރޫހު، ކުރިއަށް ދިޔުމުގައި ހުރި ހިތްވަރު، އަދި އެމީހަކަށް ދަސްވެފައި ހުރި ތމްރިނެއް، ތަރުބިއްޔަތެއް، އިލްމެއް، އެ އެޕްލައި ކުރުން އެއީ ކުޅިވަރުން ނަގައިދޭ ފިލާވަޅުތައް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ގައުމީ ޓީމްތަކުގެ ތެރެއިން މުސާރަ ދެނީ 11 ކުޅިވަރު ޓީމަށެވެ. އެއީ ފުޓްބޯޅަ އާއި ވޮލީބޯޅަ އާއި ބާސްކެޓް ބޯޅަ އާއި ކްރިކެޓް އާއި ނެޓްބޯޅަ އާއި ކެރަމް އާއި އެތްލެޓިކްސް އާއި ސްވިމިން އާއި ޓޭބަލް ޓެނިސް އާއި ޗެސްގެ އިތުރުން ހޭންޑްބޯލެވެ. މުސާރަ ދޭން ފަށާ ކުޅުންތެރިންގެ އަދަދު 250 އަށް ވުރެ ގިނަ ވާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ. އަދި އެ ކުޅުންތެރިންނަށް މުސާރަ ފެށޭނީ 2500 ރުފިޔާއިންނެވެ.