ނިއުޔޯކްގެ ބްރޮންޒްގައި ހިނގި ވައްކަމުގެ މައްސަލައެއް ބަލަމުން ދިޔަ ދެ ފުލުސް އޮފިސަރުންގެ ގަޔަށް މީހަކު ބަޑި ޖަހައި ޒަހަމް ކޮށްލައިފި އެވެ.

ރޭގައި ހިނގި ހާދިސާގައި އެ ދެ އޮފިސަރުން ގަޔަށް ވަޒަން އެރި ނަމަވެސް ވަޒަން އަރާފައި ވަނީ ފުރާނައަށް ގެއްލުން ލިބޭ ކަހަލަ ހިސާބަކަށް ނޫން ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ. އެ ދެ ފުލުހުންގެ ސަޖަރީ ސެއިންޓް ބާނަބަސް ހޮސްޕިޓަލްގައި ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ދެ އޮފިސަރުންގެ ތެރެއިން އެކަކުގެ އަތަށް ވަޒަން އަރާފައިވާ އިރު އަނެއް މީހާގެ ބުރަކައްޓަށް ވަޒަން އަރާފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން ފުލުހުންގެ ޑެޕިއުޓީ ޗީފް ކިމް ރޮއިސްޓާ ވިދާޅުވީ އެއިން އެއްވެސް އޮފިސަރެއް ގަޔަށް އެމީހަކު ބަޑި ޖަހާފައި ވަނީ ގަސްދުގައި ނޫން ކަމަށެވެ.

ދެ ފުލުހުން ކަމަށްވާ ރަފާއެލް ރާމޮސް އާއި ވެންޖިއަން ލިއު ގަޔަށް ބަޑި ޖަހާ މަރާލުމުގެ ތިން ހަފްތާތެރޭގައި އެފަދަ ދެވަނަ ހާދިސާއެއް ހިނގުމުން ފުލުހުންގެ ތެރޭގައި ވަނީ ކަންބޮޑުކަމެއް ފެތުރިފަ އެވެ. ދެ ފުލުހުން މަރާލުމަށް ފަހު ބަޑި ޖެހި މީހާ ވަނީ އެތަނުން ފިލައިން ގޮސްފަ އެވެ. ނަމަވެސް އޭގެ ގިނަ އިރުތަކެއް ނުވެ އޭނާ އަމިއްލަ ގަޔަށް ބަޑި ޖެހުމަށްފަހު މަރުވި އެވެ.