06 Jan 2015, 22:18
އަމިއްލަ ހަށިގަނޑަށް ގެއްލުންދިން މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ މއ. މިސްޓާލީންގްރޭޑް އަހްމަދު ޝާހުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މއ. އާފަލުގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރެ، ބިއްލޫރިގަނޑަކުން އޭނާގެ އަތުގެ މުލަތްދަނޑިމަތީގައި އަޅައި އަމިއްލަ ހަށިގަނޑަށް ގެއްލުންދީފައިވާކަން ޝާހުގެ އިއުތިރާފުން އެނގެން އޮންނަ ކަމަށެވެ.
އަމިއްލަ ހަށިގަނޑަށް ގެއްލުންދިނުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ އަމަލެއް ނޫންކަން ކީރިތި ރަސޫލާގެ ސައްޚަ ހަދީސްފުޅުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
"އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން އަހްމަދު ޝާހު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން މއ. މިސްޓާލީންގްރޭޑް އަހްމަދު ޝާހު ހަތަރު މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީނެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.