މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢާދިލް ބިން ޢަލީ އައްޝިއްދީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްގައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ކުރީގެ ރައީސް މައުމޫނުގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ޒިޔާރަތް ކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް މައުމޫންގެ އޮފީހުގައި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ރާބިޠާއިން ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވެދެއްވާ ގިނަގުނަ އެހީފުޅުތަކަށް ޓަކައި ރާބިޠާ އަށް ޝުކުރު އަދާކުރެއްވި އެވެ.

ރާބިޠާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢާދިލް ބިން ޢަލީ އައްޝިއްދީގެ ވާހަކަފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއްކަމުގައި ވިދާޅުވި އެވެ. އަދި ރައީސް މައުމޫން ރާބިޠާގެ ސުޕްރީމް ކައުންސިލްގެ މެންބަރެއްގެ ޙައިސިއްޔަތުން ކޮށްދެއްވާފައިވާ ގިނަގުނަ ޚިދްމަތްތަކަށް ޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ރައީސް މައުމޫން ހުންނެވި ދުވަސްވަރުން ފެށިގެން ރާއްޖެ އާއި ރާބިޠާއާ ދެމެދުގެ ގުޅުން ބަދަހިކޮށް ހަރުދަނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.