06 Jan 2015, 21:54
ހުއްދަނެތި ގެއަކަށް ވަން މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ގއ. ވިލިނގިލީ ވައިޖެހޭގެ މުހައްމަދު ކަރަމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު "މުލިއާކޮށި ނަންބަރު8" ގޭގެ ވެރިފަރާތުގެ ހުއްދަ ނެތި އެގެއަށް ވަދެފައިވާތީ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އެގެއަށް ކަރަމް ވަދެފައިވާކަން ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.